Last Updated: March 29, 11:09
Friday, March 29, 2024
ކުޅިވަރު

ފްރާންސް ޓީމަށް އަނިޔާގެ ހިޔަނިއެޅިފައި

ފްރާންސްގެ ކޯޗް ޑިޑިއޭ ޑެޝޯމްޕްސް. --ފޮޓޯ؛ ގެޓީ އިމޭޖަސް

ޔުއެފާ ނޭޝަންސް ލީގުގެ ފަހު މެޗުގައި އަންނަ ހުކުރު ދުވަހު ނެދަލޭންޑްސް އާ ދެކޮޅަށް ފްރާންސް ނިކުންނައިރު އެޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ ސަބަބުން ބައެއް މުހިއްމު ކުޅުންތެރިންނަށް އެމެޗުގައި ނުކުޅެވުމެވެ.

މިމުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހަމަކޮށްގެން ގްރޫޕްގެ އެއްވަނައިގައި ފްރާންސް އޮތްއިރު ނެދަލޭންޑްސް އޮތީ ދެވަނައިގައެވެ. އެޓީމަށް ލިބިފައިވަނީ ދެމެޗުން ތިން ޕޮއިންޓެވެ. ގްރޫޕްގެ އެންމެ ކުރީގައި އުޅޭ ދެޓީމު ބައްދަލުކުރާ މެޗުން ފްރާންސް މޮޅުވެއްޖެނަމަ އަންނަ އަހަރު އޮންނަ ނޭޝަންސް ލީގުގެ ފައިނަލް ބުރުން އެޓީމަށް ފުރުޞަތު ލިބޭނެ އެވެ.

ފްރާންސް ގައުމީ ޓީމުގެ ކުޅުންތެރިން ހެދި ފިޓްނަސް ޓެސްޓުން ފާސްނުވުމުން މެންޗެސްޓާ ޔުނައިޓެޑްގެ އެންތަނީ މާޝިއަލް އާއި ޕައުލް ޕޮގްބާ ސްކޮޑުން ބާކީކޮށްފައިވާއިރު މި ދެ ކުޅުންތެރިންގެ ބަދަލުގައި ސްކޮޑަށް ނެގީ ޓޮޓެންހަމް ހޮޓްސްޕާގެ މިޑްފީލްޑަރު މޫސާ ސިސޯކޯ އާއި އާސެނަލްގެ ފޯވާޑް އަލެކްސެންޑަ ލަކަޒޭ އެވެ. އެކަމަކު، ލަކަޒޭ ސްކޮޑަށް ނެގިކަން އިޢުލާންކުރިތާ މާގިނައިރުތަކެއް ނުވަނީސް އަނިޔާގެ ސަބަބުން އޭނާ ވެސް ވަނީ ސްކޮޑުން ވަކިވެފައެވެ. ފަހުން އޭނާގެ ބަދަލުގައި ބޮރޫޝިއާ މޮންޗެންގްލަޑްބަކްގެ ފޯވާޑް އަލެސާނޭ ޕްލިއާ އަށް ވަނީ ފުރުޞަތުދީފައެވެ.

ޖަރުމަން ބުންޑަސްލީގާގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އުމުރުން 25 އަހަރުގެ ޕްލިއާ ވަނީ ލީގުގައި މިހާތަނަށް ކުޅުނު 11 މެޗުގައި 8 ގޯލް ކާމިޔާބުކޮށްފައެވެ. އޭނާއާއެކު ފްރާންސްގެ ފޯވާޑްލައިންގައި ހިމެނެނީ ކިލިއަން އެމްބާޕޭ އާއި އެންޓޮއިން ގްރީޒްމަން އަދި އޮލިވިއޭ ޖިރޫގެ އިތުރުން އޮސްމާނޭ ޑެމްބެލޭ އަދި ފްލޮރިއަން ތޯވާން އެވެ.

އަނިޔާގެ ސަބަބުން ސްކޮޑުން ބާކީވެ މާޝިއަލް މިވަގުތު ހުރީ ވަރަށް ރަނގަޅު ފޯމެއްގައެވެ. ޕްރިމިއާ ލީގުގައި ޔުނައިޓެޑާއެކު ފަހަކަށް އައިސް މޮޅުކުޅުމެއް ދައްކަމުން އަންނަ މާޝިއަލް ވަނީ ލީގުގައި އެޓީމަށް އެންމެ ފަހުން ކުޅުނު ފަސްމެޗުގައި ހަ ގޯލް ކާމިޔާބުކޮށްފައެވެ.

ފްރާންސުން ވޯލްޑްކަޕް ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި ޕޮގްބާ އަކީ އެޓީމުގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާ ކުރާ އެއް ކުޅުންތެރިޔާއެވެ. ލީގުގައި އެންމެ ފަހުން މެންޗެސްޓާ ސިޓީ އާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ޕޮގްބާ ނުކުޅެއެވެ.

ފިޓްނަސް ދަށްވުމުގެ ސަބަބުން ފްރާންސް ޓީމުން ބާކީ ކުރި އަނެއް ކުޅުންތެރިއަކީ ސިޓީގެ ވާތުބެކް ބެންޖަމިން މެންޑީ އެވެ. އޭނާ އަށް ފުރުޞަތު ނުލިބުނީ ކަކުލަށް ލިބިފައިވާ އަނިޔާގައި ހުރެ ގިނަ މެޗުތަކެއް ކުޅެފައިވާތީ ފްރާންސުން ބަލާ މިންގަނޑަށްވުރެ އޭނާގެ ފިޓްނަސް ލެވެލް ދަށްވުމުންނެވެ.

އަނިޔާގެ ސަބަބުން ފްރާންސުން މިފަހަރު ނެގި ސްކޮޑުގައި ނުހިމެނުނު މުހިއްމު ކުޅުންތެރިންގެ ތެރޭގައި ބާސެލޯނާގެ ޑިފެންޑަރު ސެމުއެލް އުމްޓީޓީ އާއި އެތުލެޓިކޯ މެޑްރިޑްގެ ދެ ކުޅުންތެރިން ކަމަށްވާ ލޫކަސް ހެނާންޑޭޒް އާއި ތޯމަސް ލެމާގެ އިތުރުން ބަޔާން މިއުނިކްގެ މިޑްފީލްޑަރު ކޮރެންޓިން ޓޮލީސޯ ހިމެނެއެވެ.

ފްރާންސް އާ ނެދަލޭންޑްސް ބައްދަލުކުރާ މެޗު ކުޅެވޭނީ މިމަހުގެ 16 ވާ ހުކުރު ދުވަހު ރޮޓަޑަމްގައެވެ. އޭގެ ހަތަރު ދުވަސް ފަހުން އެކުވެރިކަމުގެ މެޗެއްގައި ފްރާންސް ނިކުންނާނީ އުރުގުއޭ އާ ދެކޮޅަށެވެ.