Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

ދެން ރައްޔިތުންނަށް ޚިދުމަތް ކުރަން ބޭނުމީ އިދިކޮޅާއެކު: ގާރީ ރަޝީދު

މުސްތަގުބަލުގައި ރައްޔިތުންނަށް ޚިދުމަތް ކުރަން ބޭނުންވަނީ އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު(ގާރީ) ވިދާޅުވެއްޖެއެވެ.

ގާރީއާ ހަވާލާދީ ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާރު އޭނާގެ ފިކުރު ބަދަލުވެފައިވާ ކަމަށާއި ކައިރި މުސްތަގުބަލުގައި އިދިކޮޅު ފަރާތްތަކާއެކު ފެނިގެން ހިނގައިދާނެ ކަމަށެވެ.

ޚަބަރު ލިބޭ ގޮތުގައި ގާރީ ދެން ގުޅުމަށް ގަސްދުކުރައްވާފައިވަނީ ކޯލިޝަނުގައި ހިމެނޭ ޖުމުހޫރީ ޕާޓީއާއެވެ. ނަމަވެސް އެކަން އޭނާ ކަށަވަރު ކޮށްދީފައެއް ނުވެއެވެ. "އަޅުގަނޑު ގުޅޭނީ މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު" އޭނާ ވިދާޅުވިއެވެ.

ގާރީއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުﷲ މަސީހު ދުރުކުރުމަށް މިދިޔަ އަހަރު އިދިކޮޅު ފަރާތްތަކުން ހުށައެޅި ޕެޓިޝަނުގައި ސޮއިކުރުމަށް ފަހު، އެކަން ކުރެވުނީ މަޖުބޫރީ ހާލަތެއްގައި ކަމަށް ވިދާޅުވި މެމްބަރެކެވެ.