Last Updated: April 19, 06:56
Friday, April 19, 2024
ކުޅިވަރު

އިންގްލެންޑްގެ ކުރީގެ ތަރި ޖޯ ކޯލް ކުޅުން ހުއްޓާލައިފި

ޗެލްސީ އަށް ކުޅުނު ދުވަސްވަރު އެޓީމަށް ލަނޑުޖަހައިދިނުމަށްފަހު ޖޯ ކޯލް އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ

ޗެލްސީ އަދި އިނގިރޭސި ޤައުމީ ޓީމަށް ކުރިން ކުޅުނު ހުނަރުވެރި މިޑްފީލްޑަރު ޖޯ ކޯލް ކުޅުން ހުއްޓާލައިފިއެވެ.

ވެސްޓްހޭމް ޔުނައިޓެޑްގެ ޔޫތު ސިސްޓަމުން ތައާރަފްވި ޖޯ ކޯލް ވަނީ އިނގިރޭސި ކްލަބްތައް ކަމަށްވާ ލިވަޕޫލް އާއި އެސްޓަން ވިލާ އަދި ކޮވެންޓްރީ ސިޓީގެ އިތުރުން ފްރާންސްގެ ލިއްލޭ އަދި އެމެރިކާގެ ދެވަނަ ޑިވިޝަނުގައި ޓެމްޕާ ބޭ ރައުޑީސް އަށް ވެސް ކުޅެފައެވެ.

އޭނާ ވަނީ 2001 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާއި ހަމައަށް އިނގިރޭސި ގައުމީ ޓީމަށް ކުޅެދިން 56 މެޗުގައި ޖުމްލަ 10 ގޯލް ކާމިޔާބުކޮށްދީފައެވެ.

"އަހަރެންގެ ހުރިހާ ހުވަފެންތަކެއް މިވަނީ ހަޤީގަތަކަށްވެފައި. އުއްމީދު ކުރަނީ އަހަރެންގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރުގައި ވޭތުވެދިޔަ 20 އަހަރެކޭ އެއްގޮތަށް ކުރިއަށް އޮތް 20 އަހަރަކީ ވެސް ވަރަށް ހާއްސަ ދުވަސްތަކެއް ކަމަށް." ކޯލް ބުންޏެވެ.

ވެސްޓްހޭމްގެ ޔޫތު ޓީމުން ވިދާލުމަށްފަހު ސީނިއާ ޓީމުން ކޯލް އެންމެ ފުރަތަމަ ޖާގަ ހޯދީ އުމުރުން 17 އަހަރުގައެވެ. އޭގެ ހަތަރު އަހަރު ފަހުން އެޓީމުގެ ކެޕްޓަނެއްގެ ގޮތުގައި އޭނާ ވަނީ ހަމަޖައްސާފައެވެ.

ކޯލްގެ ފުޓްބޯޅަ ކެރިއަރުގައި އެންމެ ކާމިޔާބު ދުވަސްތައް ހޭދަކޮށްފައިވަނީ 2003 ވަނަ އަހަރު ޗެލްސީ އާ ގުޅުނު ހިސާބުންނެވެ. އޭނާ ވަނީ އެޓީމާއެކު ޕްރިމިއާ ލީގު ތަށި ތިން ފަހަރު ހޯދައި އިނގިރޭސި އެފްއޭކަޕް މުބާރާތުގެ ތަށި ދެފަހަރު ކާމިޔާބުކުރުމުގެ އިތުރުން އެއްފަހަރު ލީގުކަޕް އަދި ކޮމިއުނިޓީ ޝީލްޑް ހޯދާފައެވެ. މީގެއިތުރުން، 2007/08 ވަނަ ސީޒަނުގައި ޗެލްސީ އިން ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރިއިރު އެޓީމުގައި މޮޅު ކުޅުމެއް ދައްކާފައިވެއެވެ.

އޭނާ ވަނީ ޗެލްސީގައި ހޭދަކުރީ ހަތް ސީޒަނުގައި 280 މެޗު ކުޅެދީ 40 ގޯލް ކާމިޔާބުކޮށް އިތުރު 42 ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ.

"ޗެލްސީ އާއެކު ހޯދި ތަށިތަކަކީ އަހަރެންގެ ފުޓްބޯޅަ ކެރިއަރުގެ އެންމެ ހާއްސަ ދުވަސްވަރު. އެއީ ދުވަހަކުވެސް އަހަރެންގެ ހަނދާނުން ފޮހެވިގެންނުދާނެ އުފާވެރި ދުވަސްތަކެއް." ކޯލް ބުންޏެވެ.

އޭނާ ވަނީ 2002، 2006 އަދި 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގައި އިނގިރޭސި ޓީމަށް ކުޅެދީފައެވެ. ޖަރުމަންގައި 2006 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕަކީ އޭނާ އަށް ވަރަށް ހާއްސަ މުބާރާތެކެވެ. އެމުބާރާތުގައި ސްވިޑެން އާ ދެކޮޅަށް ވޮލީ އަކުން ކާމިޔާބުކުރި ގޯލާކީ ހުރިހާ ގޮތަކުން ވެސް ވަރަށް ހާއްސަ ގޯލެއްކަމަށް އޭނާ ސިފަކުރެއެވެ.

އުމުރުން 37 އަހަރުގެ ޖޯ ކޯލް ވަނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި މިހާތަނަށް ކުޅުނު 716 މެޗުގައި 104 ގޯލް ކާމިޔާބުކޮށްފައެވެ.