ގުޅިފައިވާ އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އަލްހާން ފަހުމީ ގުޅިވަޑައިގެންފި އެވެ.
ކުނޫޒުގައި މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި އަލްހާން ޖޭޕީއަށް ސޮއިކުރެއްވުމަށްފަހު މެމްބަރޝިޕް ފޯމް ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އާއި ވަނީ ހަވާލުކުރައްވާފައެވެ.
އަލްހާން މީގެ ކުރިންވެސް ޖޭޕީ އާއި ގުޅިވަޑައިގެންފައިވާއިރު، އަލްހާން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޕީޕީއެމް އަށްވެސް ސޮއިކުރައްވާފައެވެ. ޕީޕީއެމް އާއި ގުޅިވަޑައިގެން، ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން އަށް ތާއީދުކުރެއްވުމަށްފަހު، އިންތިޚާބުން ރައީސް ޔާމީން ނާކާމިޔާބުވެވަޑައިގެންނެވި ފަހުން އަލްހާން ވަނީ ސަރުކާރަށް ފާޑުވިދާޅުވެ، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ތާއީދުކުރައްވާކަން އިއުލާންކުރައްވާފަ އެވެ.
އަލްހާން ވަނީ އިބޫ އަކީ އޭނާގެ "ޑްރީމް ޕްރެޒިޑެންޓު" ކަމަށް ވިދާޅުވެފައެވެ. އަދި އިބޫއަކީ ރައީސް ނަޝީދު 2012 ވަނަ އަހަރު އިސްތިއުފާ ދެއްވުމާ ހަމައިން އޭނާ ރާއްޖޭގެ ރައީސްކަމުގައި ހުންނަން އުއްމީދު ކުރި ބޭފުޅާ ކަމަށް އަލްހާން ވިދާޅުވިއެވެ.
ނަމަވެސް އަލްހާން ފަހުމީ ވަނީ 2018 ގައި އަމިއްލައަށް ރިޔާސީ އިންތިޚާބަށް ވާދަ ކުރަން ނިންމަވައި "އަލްހާން 2018" ގެ ނަމުގައި ކެމްޕޭނުވެސް ކޮށްފައެވެ. ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެމަނިކުފާނުގެ ބަދަލުގައި އެމްޑީޕީން ރިޔާސީ އިންތިޚާބަށް ނިކުތުމަށް އެންމެ ރަނގަޅީ އަލްހާން ކަމުގައި ދެކިގެން ސޯޝަލް މީޑިޔާގައި ނަޝީދަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅުންގެ ތެރޭގައި އަލްހާން ހިމެނެއެވެ.
އަލްހާން ވަނީ މީގެ ކުރިން ޑީއާރްޕީ އަދި އެމްޑީޕީގައި ވެސް މަސައްކަތް ކުރައްވާފައެވެ.