Last Updated: June 20, 11:01
Saturday, June 20, 2026
ޚަބަރު

ނަޝީދުގެ ޖަލު ޙުކުމް ރިވިއު ކުރުމުގެ ޝަރީއަތް ހޯމަ ދުވަހު ފަށަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ރިވިއު ކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީޢަތް އަންނަ ހޯމަ ދުވަހު ފަށަން ތާވަލްކޮށްފި އެވެ.

މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ 19 ނޮވެމްބަރ ވާ ހޯމަ ދުވަހުގެ ހެނދުނު 10:15 އަށެވެ.

ކްރިމިނަލް ކޯޓުން ރައީސް ނަޝީދުގެ މައްޗަށް އިއްވި ޖަލު ހުކުމް ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެ ކޯޓުން ވަނީ އެ ހުކުމް ރަނގަޅު ކަމަށް ނިންމާފަ އެވެ. އޭގެފަހުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ވެސް ދައުލަތުންނެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ވަނީ 13 އަހަރުގެ ޖަލު ހުކުމް ރަނގަޅު ކަމަށް ބުނެ އެއީ ނިހާއީ ހުކުމެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.

އެހެން ނަމަވެސް ރައީސް ނަޝީދުގެ ފަރާތުން އިސްތިއުނާފުގެ ޙައްޤުގެ ބޭނުން ހިފާފައެއް ނުވެ އެވެ. ކްރިމިނަލް ކޯޓުން ރައީސް ނަޝީދުގެ މައްޗަށް އިއްވި ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރީ ދައުލަތުންނެވެ.

ޕީޖީ ހުށަހެޅި މައްސަލަ ބަލަމުންދާތީ، ސުޕްރީމް ކޯޓުން ވަނީ ރައީސް ނަޝީދު މިނިވަން ކުރަން އަމުރުކޮށްފަ އެވެ. އެ މައްސަލާގައި ގޮތެއް ކަނޑައެޅެންދެން ހުކުމް ތަންފީޒުކުރުން ވަނީ ފަސްކޮށްފަ އެވެ.