Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ބަޖެޓު: މާލެއަށް 2.9 ބިލިއަން، އަތޮޅުތަކަށް 908 މިލިއަން!

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުން ތަރައްޤީގެ މަޝްރޫއު ހިންގުމަށް މާލެއަށް 3 ބިލިއަން ރުފިޔާ ހިމަނައިފިއެވެ.

އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމުގެ ހުވާ މި މަހުގެ 17 ވަނަ ދުވަހު ކުރައްވާ އިރު އެމަނިކުފާންގެ އެންމެ ބޮޑު ވައުދަކީ އަތޮޅު ތެރޭގެ ތަރައްޤީއެެވެ. ދައުލަތުގެ ބަޖެޓު އިއްޔެ ފިނޭންސް މިނިސްޓަރ އަހުމަދު އަންވަރު މަޖްލިސްއަށް ހުށަހަޅުއްވާފައިވާ އިރު ބަޖެޓަކީ ސީދާ އިބޫގެ ސަރުކާރުން ބޭނުންވާ ގޮތަށް ހުށަހެޅުނު ބަޖެޓެއް ނޫންކަމަށް އިބޫގެ ފަރާތުން ވަނީ ބުނެފައެވެ.

ބަޖެޓަށް ބަލާއިރު މާލެއަށް 2.9 ބިލިއަން ރުފިޔާ އެކަށައަޅާފައިވާ އިރު ރާއްޖޭގެ އެހެން ކަންކޮޅުތަކަށް މުޅި ބަޖެޓުގައި ހިމެނެނީ 908 މިލިއަން ރުފިޔާއެެވެ. މިއީ ފަރަގު ބޮޑު އަދަދެކެވެ.

ބަޖެޓާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފައިނޭންސް އެންޑު ޓްރެޒަރީ ކޮމެޓީން ބުނީ އިބޫގެ ވައުދުތަކުގެ ތެރެއިން ބައެއް ކަންކަން ބަޖެޓުގައި ހިމެނި ނަމަވެސް އެކަންކަން ބަޖެޓު ކުރެވިފައިވަނީ ދަތި ގޮތަކަށް ކަމަށެވެ. ކެމްޕެއިން ދަތުރުފުޅުގައި އިބޫވަނީ އަތޮޅުތަކަށް ގިނަ ކަންކަން ކޮށްދެއްވަން ވައުދުވެވަޑައިގެންފައެވެ.

ބަޖެޓަށް ބަލާއިރު ތިމާވެށި ރައްކާތެރިކުރުމާއި، އިގްތިސާދީ އަދި ސިނާއީ ކުރިއެރުވުމަށް ކުރާ ހަރަދުގެ އިތުރުން އަދުލުއިންސާފު ގާއިމު ކުރުމަށާއި، ތައުލީމާއި އިޖްތިމާއީ ރައްކާތެރިކަމުގެ އިތުރުން ސިއްހީ އަދި ހައުސިން މަޝްރޫއުތަކަށް ބަޖެޓުވަނީ ކޮށްފައެވެ.

މާލެ ފިޔަވައި އާބާދީ އެންމެ ބޮޑު އައްޑޫއަށް ބަޖެޓުގައި ހިމަނާފައިވަނީ 374 މިލިއަންއެވެ. ފުވައްމުލަކަށް 152 މިލިއަން ބަޖެޓުކޮށްފައިވާ އިރު ހއ. އަތޮޅަށް ބަޖެޓުކޮށްފައިވަނީ 259 މިލިއަނެވެ.

ބަޖެޓުގައި މިފަދަ ބޮޑު ތަފާތު ހުރި އިރު އަންނަ އަހަރު ތެރޭ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމަށްވެސް ވިސްނަވަމުން އަންނަ ކަމަށް ފައިނޭންސް ކޮމެޓީން ވަނީ ބުނެފައެވެ. ދައުލަތަށް ލަފާ ކުރާ ބަޖެޓު 29 ބިލިއަނަށް އަރާއިރު އާމްދަނީކަމަށް ލަފާކޮށްފައިވަނީ 23 ބިލިއަންއެވެ.