Last Updated: April 26, 06:25
Friday, April 26, 2024
ޚަބަރު

އައްޑޫގެ މަގުތަކަށް އަވަސް މަރާމާތު ބޭނުން!

ދެހާސްވަނަ އަހަރު އައްޑޫގައި ހެދި ލިންކު ރޯޑުގެ އެކި ހިސާބުތަކުގައި ވަޅުގަނޑު ހެދި ދުއްވާ ފަރާތްތަކަށް ބޮޑު ނުރައްކަލާއި ކުރިމަތިލާން ޖެހިފައިވާ އިރު ފާއިތުވި ފަސް އަހަރަކީ މުޅި ލިންކު ރޯޑު އެންމެ ބޮޑަށް ހަލާކުވެ މަރާމާތު ނުކުރެވި ދިޔަ ފަސް އަހަރެވެ.

ލިންކު ރޯޑުގެ އެކި ހިސާބުތަކުގައި ވަލުގަނޑު ހެދިފައިވާ އިރު ނަރުދަމާ އެޅުމަށާއި، އެހެނިހެން ބޭނުންތަކަށް ތާރުގަނޑު ކަނޑާފައިވާ ތަންތަން އަދިވެސް މަރާމާތެއް ނުކުރެއެވެ. މަގުގެ އެކި ހިސާބުތަކުގައި އެގޮތަށް ތާރުގަޑު ކަނޑާފައިވާ ތަންތަނުން ފަސްގަޑު ދޫވެ، އެތަންތަންތަން ފުން ކޯރުތަކަށް ބަދަލުވެފައިވާ އިރު ދުއްވާ ފަރާތްތަކަށާއި އަގުބޮޑު ވެހިކަލްތަކަށް އަގު ނުކުރެވޭ ގެއްލުންތައް ދަނީ ލިބެމުންނެވެ.

ލިންކު ރޯޑުގައި ހެދިފައިވާ ވަޅުގަނޑަކަށް ސިމެންތި އަޅަނީ.

ހިތަދޫ މެދެ އާރި މަގާއި، ބޮޑު މަގު ހުރަސްކޮށް ތާރުގަނޑު ކަނޑާފައި ހުންނަތާ އަހަރު ދުވަސް ވެއްޖެއެވެ. ވާރާ ވެހޭ ކޮންމެ ފަހަރަކު އެތަންތަނުގައި ފެންހެދިފައި އޮންނަ އިރު އެތާރުގަނޑު ކަނޑާފައިވާ ތަނުން ފަސްގަނޑު ދޫވެ، ހެދިފައިވާ ފުންވަޅު ގަނޑަށް އެތައް ބަޔަކު ވެއްޓި ހާނިއްކަ ވެއްޖެއެވެ. އެތައް ވެހިކަލައް އަނިޔާ ލިބިއްޖެއެވެ. އެކަން ފެނި އެކަން ހައްލު ކުރާނެ ބަޔަކު ނެތެވެ.

މަގު ކޮނެ، މަގުގެ ތާރުގަނޑު ކަނޑައިގެން ކޭބަލާއި، ހޮޅިއަޅައި ނިމިގެން އެތައް ދުވަހެއް ފާއިތުވެދާއިރު އެކަން ކުރިން ހުރިގޮތަށް ހެދުމަށް ދައުލަތުގެ އެއްވެސް މުވައްސަސާއަކުން މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ. އެކަމުން އާއްމުންނަށް ގެއްލުންވާން ފެށުމުން ކޮންމެވެސް އާއްމު މީހަކު އެ ސަރަހައްދު ފާހަގަ ކުރަން ބަސްތާއަކަށް ވެލި އަޅައި ނުވަތަ ގަހެއްގެ އޮފިގަނޑެއް އިންދާފައި ހުންނަ މަންޒަރު ފެނުނަސް އެކަމަށް ދާއިމީ ހައްލެއް ނާދެއެވެ.

މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫގެ ބޮޑު މަގުގެ މެދުން ނަރުދަމާ އެޅުމަށް ކޮނުމަށް ތާރުގަނޑު ކަނޑައި ނަގައިފިއެވެ. އެކަން ކުރަން ހަވާލުކުރި ކުންފުނިން އެތަން ކޮނެ، މުޅި މަގު ހަލާކުކޮށްލިތާވެސް އަހަރު ދުވަސްވީއެވެ. ލަންކާ ސަރުކާރުން 11 މިލިއަން ޑޮލަރަށް ހަދައިދިން މަގު ތިން އަހަރަށް ރައްޔިތުންނަށް ބޭނުމެއް ނުކުރެވެއެވެ. މުޅި މަގު ހަލާކުކޮށްލީއެވެ. އެކަން ބަލައި ފިޔަވަޅު އަޅާނެ އައްޑޫ މުވައްސަސާއެއް ވެރިއެއް ނެތެވެ.

އައްޑޫގެ މަގުގެ ހާލަތު އިންތިހާއަށް ދަށް ފެންވަރެއްގައި އޮތް އިރު ވެލި މަގުތަކުގެ ހާލުވެސް ހުރީ އެ އުސޫލުންނެވެ. އެކި މަގުތައް ކޮނެ، ބައެއް މަގުތަކުގައި ވަޅުގަނޑުތައް ފަސް ނާޅާ ހުންނަތާ އެތައް ދުވަހެއް ފާއިތުވެއްޖެއެވެ. އެއިން ކަމެއް ބަލައި އެކަންކަން ހައްލު ކުރަން މަސައްކަތް ކުރި މުވައްސަސާއެއްް ވެރިއެެއް އައްޑޫއަކު ނެތެވެ.

މާލެ ފިޔަވައި އެންމެ ގިނަ ދުއްވާއެއްޗެހި ދުއްވާ އައްޑޫގެ މަގުތައް މިހާލުގައި އޮތް އިރު މިހާރު އިވޭ އަޑަކީ މަގު ހަދާނެ ވަސީލަތް ނެތްކަމުގެ އަޑުތަކެވެ. މަގު ހެދުމަށް އައްޑޫއަށް ގެނެސްފައިވާ ސާމާން ރައީސް ޔާމީންގެ ސަރުކާރުން އެކި ރަށްތަކަށް ގެންގޮސް ބައެއް ތަކެތި ހަލާކުވެފައިވާ ކަމަށެވެ. އޭގެ ގިނަ ތަކެތީގެ ލިޔެ ކިއުމެއް ނެތް އިރު އެކަން ކުރި ބަޔަކުވެސް މިހާރު ނެތެވެ.

މަގު ބެލެހެއްޓުން ހައުސިން މިނިސްޓްރީ އާއި ހަވާލުކޮށްފައިވާ އިރު މަގު އެއްގޮތަކަށްވެސް މަރާމާތުކޮށް ނުބެލެހެއްޓެއެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު ފަހުން އަމުދުން މި މަސައްކަތް އެއްގޮތަކަށްވެސް ކުރިއަށް ގެންދެވެން ނެތެވެ. މަގު މަރާމާތު ކުރާ ޔުނިޓުން ބުނާ ގޮތުން ވެހިކަލަކަށް އަޅާނެ ތެލެއް، ބޭނުންވާ އެއްޗެއް ހޯދާނެ ފައިސާއެއް ކަންކުރަންވާ ގޮތް ކިޔައިދޭނެ މީހަކު ނެތެވެ. އެހެންވެ މުޅި ނިޒާމު އޮތީ ބޮއްސުންލާފައެެވެ.

މިއީ އަވަސް ހައްލެއް ބޭނުން ބޮޑު މައްސަލައެކެވެ.