Last Updated: April 18, 03:29
Thursday, April 18, 2024
ޚަބަރު

ވޯޓު ކަރުދާސްތައް ނައްތާލި މައްސަލަ ބެލުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

ފޮޓޯ: ޓްވިޓާ

މިއަހަރު ބޭއްވިގެން ދިޔަ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްތައް އިލެކްޝަންސް ކޮމިޝަނުން ނައްތާލި މައްސަލަ ބަލައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

އެ ގަރާރު މަޖިލީހަށް އިއްޔެ ހުށަހެޅުއްވީ ވެރިކަން ކުރާ ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއުއެވެ.

ޕީޕީއެމުން އިންތިހާބާ ބެހޭ މައްސަލަތަކެއް ފުލުހަށް ހުށަހަޅާފައިވަނިކޮށް ކުއްލި ގޮތަކަށް އިލެކްޝަނުން ވޯޓު ކަރުދާސްތައް ނައްތާލީ ޕީޕީއެމުން ހުށަހެޅި މައްސަލަ ބެލުމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.

ޕީޕީއެމުން ހުށަހެޅި މައްސަލަ ތަހުގީގު ކުރެވިއްޖެ ނަމަ ވޯޓު ކަރުދާސް ތައްޔާރު ކުރުމާއި، ގުނުމުގެ ތެރޭގައި ކަންކަން ކޮށްފައިވާ ގޮތް ސާފުވެ މުޅި ވޯޓުގެ ސައްހަކަމާ މެދު ސުވާލު އުފެދޭނެ ކަންތައްތައް ފެންނާނެ ކަމަށް ރިފާއު ވިދާޅުވެފައިވެއެވެ.

އެހާ ބޮޑު މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް އިލެކްޝަނުން ވޯޓު ކަރުދާސް ނައްތާލާ ފުލުހުންގެ ތަހުގީގު ހުއްޓުމަކަށް އައިސްދާނެ ފަދަ ކަމެއް ކޮށްފައިވާތީ މަޖިލީހުގެ ކޮމިޓީއަކުން އެމައްސަލަ ބަލައި ދިނުމަށް އެދިފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވޯޓު ކަރުދާސްތައް ނައްތާލި މައްސަލާގައި އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ފުލުހަށް ވެސް ހާޒިރުކޮށްފައިވެއެވެ. ފުލުހުން ބުނެފައިވަނީ ޝަރީފު ހާޒިރު ކުރީ ވޯޓު ކަރުދާސްތައް ނައްތާލުމާއި ބެހޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް ކަމަށެވެ.

ވޯޓު ކަރުދާސް ނައްތާލާފައިވަނީ ކަރުދާސް ބެހެއްޓުން ލާޒިމް ކުރާ މުއްދަތު ހަމަވިތާ ހަތް ދުވަސް ފަހުން ކަމަށާއި އެއީ ކުއްލިއަކަށް ކުރި ކަމެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.