Last Updated: June 9, 10:38
Tuesday, June 9, 2026
ޚަބަރު

ބަޖެޓުގައި އާ ސަރުކާރުގެ ރޯލު ކުޑަ: ޝަރީފް

ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓު ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އިއްޔެ ހުށައަޅުއްވައި، އެ ބަޖެޓަކީ އާ ސަރުކާރުން ބޭނުންވި ގޮތަށް ފަރުމާ ކުރި ބަޖެޓެއް ކަމުގައި ވިދާޅުވިޔަސް، ކަން ހިނގާދިޔައީ އެގޮތަށް ނޫން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ބަޖެޓަށް ބަހުސް ކުރުން ފެށިފައިވާއިރު މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އިބޫގެ ފައިނޭންސް އެންޑް ޓްރެޝަރީ ޓްރާންސިޝަން ކޮމިޓީގައި މަސައްކަތް ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން މި ބަޖެޓުގައި އާ ސަރުކާރުގެ ރޯލު ވަރަށް ކުޑަ ކަމަށް ދެކޭ ކަމަށެވެ.

އެބޭފުޅުންނަށް ބަޖެޓުގައި މަސައްކަތް ކުރައްވަން ލިބިވަޑައިގެންނެވީ ވަރަށް ކުޑަ ދުވަސްކޮޅެއް ކަމަށާއި އެދެވޭ މަސައްކަތެއް ބަޖެޓަށް ކުރުމަށް ފުރުސަތު ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އާ މަޝްރޫއުތަކަށާއި އާ ސަރުކާރުން ބަޖެޓުގައި ހިމަނަން ބޭނުންވި ގިނަ ކަންތައް ނުހިމެނޭ ކަމަށް ވެސް ޝަރީފް ވިދާޅުވެފައިވެއެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މީގެ ކުރިން ވިދާޅުވީ ބަޖެޓުގައި ހިމަނާނީ އިދިކޮޅު ފަރާތްތަކުން ބޭނުންފުޅުވާ ކަންތައް ކަމަށާއި އަދި އެބޭފުޅުން ބޭނުންފުޅުވާ ކަންތައް ލިސްޓުކޮށް ފޮނުވުމަށް އެދިފައިވާ ކަމަށެވެ.

ބަޖެޓު ހުށައަޅުއްވަމުން ކޯލިޝަނުން ބޭނުންވި ބަޖެޓެއް ހުށައަޅުއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިޔަސް ކޯލިޝަނުގައި ހިމެނޭ އެމްޑީޕީން ވަނީ އެކަން ދޮގުކޮށްފައެވެ. 2019 އަށް ލަފާ ކޮށް ހުށައަޅާފައިވަނީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.