Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

އެއާޕޯޓު އެމްޑީ އާދިލް އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އާދިލް މޫސާ އިސްތިއުފާ ދެއްވައިފި އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއޭސީއެލްގެ އެމްޑީ ކަމުން އާދިލް އިސްތިއުފާ ހުށަހަޅުއްވާފައިވާ ކަމަށާއި އެކަން ޕްރައިވަޓައިޒޭޝަން ބޯޑުން ގަބޫލް ކުރައްވާފައިވާ ކަމަށެވެ.

އާދިލް އިސްތިއުފާ ދެއްވުމާއި ގުޅިގެން ވަގުތީގޮތުން އެއާޕޯޓު ހިންގަމުންދާނީ އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރު މޫސާ ސޯލިހެވެ. މޫސާ ސޯލިހު އަކީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޮޑު ބޭބޭފުޅެވެ.

ރައީސް ނަޝީދުގެ ސަރުކާރުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާއި އެއާޕޯޓު ހިންގަން ހަވާލުކުރި އެގްރިމެންޓު އުވާލުމަށްފަހު އަލުން އެއާޕޯޓު ހިންގަން ރައީސް ވަހީދުގެ ސަރުކާރުން ހަވާލުވުމަށްފަހު މިހާ ހިސާބަށް އެއާޕޯޓު ހިންގީ އާދިލްއެވެ. އާދިލްގެ ބެއްލެވުމުގެ ދަށުން އެއާޕޯޓުގެ އާ ރަންވޭ އިތުރުކޮށް 7 މިލިއަން މީހުންނަށް ހިދްމަތް ދެވޭވަރަށް އެއާޕޯޓު ދަނީ ތަރައްޤީ ކުރަމުންނެވެ.