Last Updated: June 11, 09:15
Thursday, June 11, 2026
ޚަބަރު

ފުވައްމުލަކުގެ ގޮޑުދޮށް ހިމާޔަތް ކުރުމަށް 60 މިލިއަން ރުފިޔާ ބަޖެޓުކޮށްފި

ރަށް ގިރުމުގެ ނުރައްކާ ކުރިމަތިވެފައިވާ ޏ. ފުވައްމުލަކުގެ ގޮޑުދޮށް ހިމާޔާތް ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 60 މިލިއަން ރުފިޔާ ހިމަނައިފިއެެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މަޖްލިސްއަށް އިއްޔެ ހުށަހަޅާފައިވާ އިރު ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް 1.5 ބިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައެވެ. އެގޮތުން ފުވައްމުލަކުގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރެއްވުމަށް އިބޫގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވަން ވަނީ ނިންމަވާފައެެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ފުވައްމުލަކަށް ވަޑައިގެން އިބޫވަނީ އެރަށުގެ ގިރާ ސަރަހައްދަށް ވަޑައިގެން އެތަން ބައްލަވާލައްވާފައެވެ. އަދި ވީހާވެސް އަވަހަކަށް އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް އިބޫ ވައުދުވެވަޑައިގެންނެވިއެވެ.

ފުވައްމުލަކުގެ ވަށައިގެން ބޮޑު ސަރަހައްދެއް މިހާރުވެސް ވަނީ ގިރިފައެވެ. އަދި ފާއިތުވި ދުވަސްތަކުގައި އެރަށުގެ ރައްޔިތުން ވަނީ ރަށްގިރުމުގެ މައްސަލައަށް ހައްލުކުރުމަށް ފިޔަވަޅު އަޅައިދިނުމަށް ރައީސް ޔާމީންގެ ސަރުކާރުގައި ތަފާތު ފަހަރުމަތިން އެދިފައެވެ. ނަމަވެސް އެކަމަށް ހައްލެއް ލިބިފައި ނުވެއެވެ.