Last Updated: June 9, 10:38
Tuesday, June 9, 2026
ޚަބަރު

ޚަޝޯގީގެ ގާތިލުން ހޯދުމަށް އުގެއިލް އެހީތެރިވެދީފި

މިދިޔަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަން ސައުދީ ނޫސްވެރިޔާ، ޖަމާލް ޚަޝޯގީ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ދެނެގަތުމަށް އެމެރިކާގެ ނިއުޔޯކް ޓައިމްސް ނޫހުން ކުރި މަސައްކަތަށް ދިވެހި ޕްރޮފެސަރ، ހަސަން އުގެއިލް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ނިއުޔޯކް ޓައިމްސްގެ އެދުމުގެ މަތިން އުގެއިލް ވަނީ އެނޫހުން ޚަޝޯގީ މަރާލުމުގައި ބައިވެރިވި މީހުން ދަނެގަތުމަށް ފޭސް ރިކޮގްނިޝަން ސޮފްޓްވެއާ ބޭނުންކޮށްގެން އެމީހުންނަކީ ކޮން ބައެއް ކަން ހޯދާފައެވެ.

ނިއުޔޯކް ޓައިމްސް އިން ނަގާފައިވާ ފޮޓޯތަކުން ފެންނަ ތިން މީހުން އެކި ގޮތްގޮތަށް އެނަލައިޒް ކުރުމަށް ފަހު އުގެއިލް ވަނީ އެ ތިން މީހުންގެ އައިޑެންޓިޓީވެސް ހޯދާފައެވެ. ބައެއް މީހުން ސިފަ ބަދަލުކުުމަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެމީހުން ދަނެގަނެވިފައިވާ ކަމަށް އުގެއިލް ބުނެފައިވެއެވެ.

ނަމަވެސް އެ ތިން މީހުންނަކީ ޚަޝޯގީ މަރާލި މީހުން ކަމަށް ދަންނަވަން ނޭނގޭ ކަމަށާއި، ހަމައެކަނި ކޮށްދިން މަސައްކަތަކީ ނިއުޔޯކް ޓައިމްސްއިން ދެއްކި ތިން މީހުންގެ އައިޑެންޓިޓީ ހޯދުން ކަމަށް އުގެއިލް ބުނެފައިވެއެވެ.

ޚަޝޯގީ ކޮންސިއުލޭޓު ތެރޭ މަރާލާފައިވާ ކަމަށާއި އޭނާއާ ކޮންސިއުލޭޓުގެ މުވައްޒަފުންނާ ދެމެދު ހިނގި މާރާމާރީއެއްގައި އެކަން ވެގެން ދިޔައީ ކަމަށް ސައުދީން ބުނި ނަމަވެސް ފުރަތަމަ ސައުދީ ސަރުކާރުން ވަނީ ޚާޝޯގީ ކޮންސިއުލޭޓޫ ދޫކޮށް ގޮސްފައިވާ ކަމަށް ބުނެ ދޮގު ބަޔާން ދީފައެވެ.