Last Updated: April 25, 20:04
Thursday, April 25, 2024
ޚަބަރު

ރާޖަޕަކްސާ އަށް އިތުބާރު ނެތް ކަމަށް ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި

މަހިންދަ ރާޖަޕަކްސާ

ސްރީ ލަންކާގެ ބޮޑުވަޒީރު ކަމަށް ދާދި ފަހުން އިސް ކުރެވުނު އެ ގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ އަށް އިތުބާރު ނެތް ކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރާޖަޕަކްސާގެ އިތުބާރު ނެތް ކަމަށް، ހުށަހެޅީ މާކްސިސްޓް ޕާޓީންނެވެ. އެ މައްސަލާގައި ވޯޓަށް އެހީ މިއަދު ހެނދުނު ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާގަ އެވެ. އެ ޖަލްސާ ބާއްވަން ނިންމީ، ގާނޫނު ހަދާ މަޖިލީސް އުވާލަން ރައީސް މައިތުރިޕަލާ ސިރިސޭނާ ނިންމަވާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް އެ ގައުމުގެ ސްޕްރީމް ކޯޓުން ރޭ ހުކުމް ކުރުމުންނެވެ.

އިތުބާރު ނެތް ކަމުގެ ވޯޓަށް އެހިޔަ ނުދޭން، ރާޖަޕަކްސާގެ ވަފާތެރި މެމްބަރުން އިދާރީ މޭޒު ކައިރި އަށް އެއްވެ އަޑު އުފުލި އެވެ. ނަމަވެސް އެ ކަމަށް ބެލުމެއް ނެތި ވޯޓަށް އެހުމަށް ފަހު، 225 މެމްބަރުގެ މަޖިލީހުގެ އަގުލަބިއްޔަތު ރާޖަޕަކްސާ އަށް ނުލިބުނު ކަމަށް ޖަޔަސޫރިއާ އިއުލާނު ކުރެއްވި އެވެ.

އިތުބާރު ނެތް ކަމަށް ފާސްވުމާ އެކު، ރާޖަޕަކްސާގެ ސަރުކާރުގެ ބައެއް ވަޒީރުންނާއި، ތާއީދު ކުރާ މެމްބަރުން ގެންދަނީ މަޖިލީހުގައި އެ ވޯޓަށް އެހުމުގައި ޖަޔަސޫރިއާ ގާނޫނީ އިމުން ބޭރުން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރަމުންނެވެ.