އަބުރު ރައްކާތެރި ކުރުމުގެ ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިން ފާސްކޮށްފިއެވެ.
ގާނޫނު އަސާސީގެ ހަތާވީސް ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް މަޖިލީހުން ފާސްކުރި ގާނޫނު އުވާލާފައިވަނީ މިއަދު އެމައްސަލައަށް ވޯޓަށް އެހުމަށްފަހުއެވެ.
ވޯޓުގައި ބައިވިރިވި ޖުމުލަ މެމްބަރުންގެ ތެރެއިން 38 މެމްބަރަކު ވަނީ ގާނޫނު އުވާލުމަށް ވޯޓު ދެއްވާފައެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 13 މެމްބަރެކެވެ.
އަބުރު ރައްކާތެރިކުރުމުގެ ގާނޫނަކީ ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހަނި ކުރުމަށް ކުރި ކަމެއް ކަމަށް ގާނޫނީ މާހިރުން ވަނީ ބުނެ، ކަންބޮޑުވުން ފާޅުކޮށްފައެވެ.