ބޭސް ފަރުވާއަކަށް މެލޭޝިޔާއަށް ވަޑައިގެންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް މިރޭ ރާއްޖެ އެނބުރި ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
އަށް މަސް ދުވަހު ޖަލު ބަންދުގައި ހުންނެވުމަށް ފަހު މައުމޫން މިނިވަން ވީ ސެޕްޓެމްބަރު މަހު، ރިޔާސީ އިންތިޚާބު ނިމުނުތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.
ރައީސް މައުމޫން ބަންދުގައި އެކަހެރިކޮށް ބެހެއްޓުމުގެ ސަބަބުން ސިއްހީ ހާލު ދެރަވެ އެތައް ފަހަރު މަތިން ހޮސްޕިޓަލަށް ގެންނަން ޖެހުނެވެ. ޑޮކްޓަރުންގެ އިރުޝާދުގެ މަތިން ގޭބަންދަށް ބަދަލުކުރުމަށް އާއިލާއާއި ވަކީލުން ވަނީ ކަމާ ބެހޭ ހުރިހާ އިދާރާއަކަށް ގޮސްފައެވެ.
ނަމަވެސް ކޯޓުން މިނިވަން ކުރުމާ ހަމައަށް މައުމޫން ވަނީ ލުޔެއް ނުދީ ބަންދުގައި ބަހައްޓާފައެވެ. މައުމޫން ވަނީ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވުމަށް ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.