Last Updated: May 8, 02:23
Tuesday, May 7, 2024
ޚަބަރު

ޝާހިދު މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު، މަޖިލީހުގެ މެންބަރު ކަމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މިއަދަކީ އެމަނިކުފާނު މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވާނެ އެންމެ ފަހު ދުވަސް ކަމަށް މަޖިލިސް ކުރާ ގޭގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

މަޖިލިސް މެންބަރު ކަމުން އިސްތިއުފާ ދެއްވުމަށްފަހު ކުރިއަށް އޮތް ދުވަސްތަކުގައި ފެނިވަޑައިގަންނަވާނީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ތެރެއިން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ދިވެހި ގައުމާއި ރައްޔިތުންނަށް އިހްލާސްތެރި ހިދުމަތްތަކެއް ސަރުކާރުގެ ތެރެއިން ކޮށްދެއްވުމަށް އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ. އެހެންކަމުން އިބްރާހީމް މުހައްމަދު ސޯލިހް ހަވާލުކުރައްވާ ކޮންމެ މަސައްކަތެއް ކުރެއްވުމުގައި ސާބިތުވެ ހުންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އަބްދުﷲ ޝާހިދު ވިދާޅުވީ އެމަނިކުފާނު ޒުވާން އުމުރުގައި މަޖިލިސް މެންބަރު ކަމަށް އިންތިހާބުވީ، އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ކަމަށާއި ރައްޔިތުން ހަވާލުކުރި މަސްއޫލިއްޔަތު މަޖިލީހުގައި ފުރިހަމައަށް އަދާކުރެއްވުނު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މަޖިލީހުގެ ރައީސް ކަންވެސް ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި މަޖިލީހަކީ ރައްޔިތުންނަށް ހުޅުވާލެވިފައިވާ ތަނަކަށް ހަދައިދީފައިވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. މަޖިލީހުގެ ރައީސް ކަމުގައި މަސައްކަތް ކުރައްވާފައިވަނީ ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވައިދާއި އުސޫލުތަކާ އެއްގޮތަށް ހާމަކަން ބޮޑު ގޮތެއްގައި ކަމަށްވެސް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މިހާރު ހިނގަމުން މިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވަރަށް ގިނަ ކަންތައްތައް ހަމައާއި އުސޫލުގެ ބޭރުންކޮށްފައިވާ ކަމަށާއި މެންބަރުން އެކަމާ ދެކޮޅަށް މަސައްކަތް ވެސް ކުރެއްވި ކަމަށެވެ. ރައްޔިތުންގެ މަޖިލިސް ކުރިއަށް ދާންވާނީ ހާމަކަން ބޮޑު ގޮތެއްގައި އަދި ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.

ޝާހިދު ވަނީ މަޖިލީހުގައި ފަސް ދައުރު، ޖުމްލަ 25 އަހަރު ހިދުމަތް ކުރެއްވުމުގެ ފުރުސަތު ދެއްވީތީ ވ. އަތޮޅުގެ ރައްޔިތުންނަށާއި، ކެޔޮދޫ ދާއިރާގެ ރައްޔިތުންނަށާއި، ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންގެ އިތުރުން އެމަނިކުފާނާއެކު އެކި ދައުރުތަކުގައި މަޖިލީހުގައި މަސައްކަތް ކުރެއްވި މެންބަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެމަނިކުފާނު މަޖިލިސް ރައީސް ކަމުގައި ހުންނެވި ދުވަސްވަރު މަޖިލީހުގެ މުވައްޒަފުންނާއި މެންބަރުންގެ ފަރާތުން ލިބިވަޑައިގެންނެވި އެހީތެރިކަމާ އެއްބާރުލުން ފާހަގަކުރައްވާ އެބޭފުޅުންނަށްވެސް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

އަބްދުﷲ ޝާހިދު ވަނީ ވ. އަތޮޅުގެ މަޖިލިސް މެންބަރުކަމާއި، ކެޔޮދޫ ދާއިރާގެ މަޖިލިސް މެންބަރުކަމާއި އަދި ހެންވޭރު އުތުރު ދާއިރާގެ މަޖިލިސް މެންބަރު ކަން ކުރައްވާފަ އެވެ. މީގެއިތުރުން މިހާރު އެކުލަވާލާފައިވާ ފެހި ގާނޫނުއަސާސީއާއި އޭގެ ކުރިން އަމަލުކުރަމުން ދިޔަ ނޫގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި ވެސް އަބްދުﷲ ޝާހިދު ވަނީ މަސައްކަތް ކުރައްވާފަ އެވެ.