Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

އަޅުގަނޑު ވެލެޒިނީ ތަމްސީލެއް ނުކުރަން: ހިސާން

ހިސާން ހުސެއިން - ފޮޓޯ: ރާއްޖެއެމްވީ

ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ކުރީގެ ޖޭއެސްސީގެ މެމްބަރ، އާއިޝަތު ވެލެޒިނީ އަށް ވަކާލާތު ކޮށްދޭން ނިންމާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް މަޝްހޫރު ގާނޫނީ ވަކީލާ ހިސާން ހުސެއިން ދޮގުކޮށްފިއެވެ.

އޮންލައިން ނޫސް އަވަސްގެ އާޓިކަލްއެއް ކަމަށް ދޭހަވާ ގޮތަށް މީސް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯއެއްގައި ހިސާން ވެލެޒިނީ މިނިވަން ކުރުމަށް ނިކުންނަ ކަމަށް ޖަހާފައި، ހިސާންގެ ފޮޓޯއަކާ އެކު ޝާއިއުކޮށްފައިވެއެވެ.

ނަމަވެސް "އަވަސް" އިން ވަނީ އެއީ އެ ނޫސް އޭޖެންސީ އިން ޝާއިއުކުރި އާޓިކަލެއް ނޫން ކަމަށާއި އެއީ ބަޔަކު ހަދައިގެން އުޅޭ ފޮޓޯއެއް ކަމަށް ބުނެފައެވެ. އަދި ހިސާން ވެސް ވަނީ އެ ފޮޓޯގައި ޝާއިއުކޮށްފައިވާ ލިޔުމަކީ ދޮގެއް ކަމަށާއި ވެލެޒިނީ ތަމްސީލު ނުކުރާ ކަމަށް ބުނެފައެވެ.

ހިސާން އިތުރަށް ބުނެފައިވަނީ ސިއްހީ ހާލަތު ތަންނުދޭ ކަމަށްވާ ނަމަ އެފަދަ މީހުންނަށް އިސްކަމެއް ދީގެން ގާނޫނާއި އެއްގޮތަށް އަމަލު ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ.

ސޯޝަލް މީޑިޔާގައި ވެލެޒިނީ ރާއްޖެއިން ބޭރުގައި ހުރެ ދެއްކި ބައެއް ވާހަކަތަކުގެ ސަބަބުން އިސްލާމިކް މިނިސްޓްރީން ވަނީ އޭނާއަކީ މުރުތައްދުވެފައިވާ މީހެއް ކަމަށް ކަނޑައަޅާފައެވެ. އަދި ފުލުހުން ވަނީ އެފަދަ ވާހަކަތަކެއް ދެއްކުމުގެ ސަބަބުން ވެލެޒިނީގެ މައްސަލަ ބަލަން ފަށައި، ފުލުހަށް ހާޒިރުވުމަށް ވެސް އަންގާފައެވެ.

އޭގެ އެތައް މަސްތަކެއް ފަހުން، އިއްޔެ ވެލެޒިނީ ރާއްޖެ އައުމުން ފުލުހުން އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވެލެޒިނީ ހައްޔަރުކުރީ ގާނޫނާއި އެއްގޮތަށް ކަމަށާއި ސިއްހީ ހާލަތު ތަންނުދޭ މީހުންނަށް ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އަރުވާކަމަށެވެ.