Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

ހިތަދޫގެ މަގު ހެދުމަށް 24 މިލިއަން ރުފިޔާ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ބަޖެޓުގައި ހިތަދޫގެ މަގު ހެދުމަށް 24 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

މުޅިން އަލަށް ފަށާ މަޝްރޫއުގެ ގޮތުގައި ހިތަދޫގެ މަގު ހެދުމަށް 24،725،000 ރުފިޔާ ހިމަނާފައިވާ އިރު އައްޑޫ ސިޓީގެ އެެހެނިހެން އަވަށްތަކުގެ މަގު މަރާމާތަށް 5.8 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު މަޖްލިސްއަށް ހުށަހަޅުއްވާފައިވާއިރު ބަޖެޓު ބަހުސް މިހާރު ވަނީ ފަށާފައެވެ.

ހިތަދޫގެ މަގު ހެދުމަށް ބަޖެޓުގައި ހިމެނިއިރު ފާއިތުވި އަހަރުތަކުގައިވެސް ހިތަދޫގެ މަގު ހެދުމަށް ބަޖެޓު ކުރެވުނެވެ. ނަމަވެސް މަސައްކަތް ފަށާފައި ނުވެއެވެ.

ހިތަދޫގެ 22 މަގެއް ހެދުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއްލާން ކުރިއެެވެ. 2017 ވަނަ އަހަރު ބަޖެޓުގައި ޖެހުމަށްފަހު ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ 2018 ވަނަ އަހަރު ނިމުމުގެ ކުރިން މަގު ހަދައި ނިންމާލެވޭނެކަމަށެވެ. އަދި މަގު ހަދަން ލަންކާގެ ސިއަރާ ކުންފުންޏާއި ހަވާލުކުރިކަމަށްވެސް މިނިސްޓަރ މުއިއްޒު އިއްލާން ކުރެއްވިއެވެ.

ހިތަދޫގެ މަގުތައް ހެދުމުގެ ވާހަކަ 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމާއި އެކުހެން ދައްކަން ފެށިއެވެ. ކޮންމެ ބަޖެޓެއްގައިވެސް މަގު ހެދުން ހިމެނިއެވެ. ނަމަވެސް ވެރިކަން ނިމެން ދެ ދުވަހަށް ވެފައިވާ އިރު ރައީސް ޔާމީނަށް މުޅި އައްޑޫ ސިޓީގައި ތާރު އަޅައިގެން ހަދާ ދެވިފައިވަނީ 600 ފޫޓު ތަންކޮޅެކެވެ.