އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލަރު ކަމުން މާދަމާ އިސްތިއުފާ ދެއްވާނެކަމަށް އެމަގާމު އަދާކުރައްވަމުންދާ ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވެފައިވަނީ ރައީސް ޔާމީން އައްޔަން ކުރެއްވި ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތައް އިސްތިއުފާ ދެއްވުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓުކަން ކުރެއްވި ޝަހީމް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުކަމުން އިސްތިއުފާ ދެއްވުމަށް އިންތިހާބުގެ ދުވަސްވަރުވެސް އެކި ފަރާތްތަކުން ގޮވާލާފައިވެއެވެ. ނަމަވެސް ޝަހީމު ވަނީ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވާފައެވެ.
ރިޔާސީ އިންތިހާބުން ރައީސް ޔާމީން ނާކާމިޔާބު ވުމާއި ގުޅިގެން ޝަހީމް ސިޔާސީ މައިދާނުން ގެއްލުނެވެ. ނަމަވެސް މިދިޔަ ހަފްތާގައި ޝަހީމް ވިދާޅުވީ ސިޔާސީ މައިދާނަށް އެނބުރި މިމަހުގެ ތެރޭގައި ވަޑައިގަންނަވާނެ ކަމަށާއި މައިދާން ދޫކޮށް ވަޑައި ނުގަންނަވާނެކަމަށެވެ.