Last Updated: March 29, 17:30
Friday, March 29, 2024
ރިޕޯޓް

ދިވެހިންނަށް ދިވެހިބަސް އެނގޭތަ؟

photo: Mihaaru

"ހާ ށަވިޔަންޏަށް ހާ ށަވިޔަނި ކިޔުނީ ކީއްވެބާއޭ؟ އާބާ ފިއްޔާ އޫބޫ ފިއްޔާ ދެމެނީ ކީއްވެބާއޭ؟" މިއީ ތުއްތު ކުދިންނަށް ދިވެހި ބަސް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއްގައި ބޭނުންކުރެވުނު ލަވައެކެވެ. އެހެންނަމަވެސް، މި ލަވައަކުން މިސުވާލުތަކުގެ ޖަވާބެއްނުލިބެއެވެ. އަދި އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކަށްވެސް މީގެ ޖަވާބެއް ނުލިބެއެވެ. ހަޤީޤަތަކީ ހުދު އަޅުކަނޑަކަށްވެސް ނޭނގޭކަމެވެ. އެހެންކަމުން، ސުވާލަކީ ދިވެހިންނަށް ހަމަ ދިވެހިބަސް އެހާ ރަގަޅަށް އެނގޭތޯއެވެ؟

މަދުރަސީ ހަޔާތުގައި ބޭބީ ނާސަރީއިން ފަށައިގެން ގޮސް ގްރޭޑު 12 ނިންމާއިރު މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ނަގާ ދަރިވަރަށް ވަރަށް ރަނގަޅަށް ދިވެހި ބަސް އެނގޭ ކަމަށް ގަބޫލު ކުރެވޭ ހެއްްޔެވެ؟ މަޒުމޫނާއި ސިޓީ ލިޔުމާއި، ޅެމާއި ރައިވަރު މާނަކުރުމާއި، ރިޕޯޓާއި ވާހަކަ ލިޔަން އެނގޭ ހެއްޔެވެ؟ އެނގޭކަމަށް ބަލަން ދެން އޮތް ސުވާލަށް ޖެހިލާނަމެވެ. ބޭބީ ނަރސަރީ އިންފެށިގެން ގްރޭޑު 12 އާއި ހަމައަށް އަޅުގަނޑުމެންނަށް އުނގަންނައިދެވެނީ ހަޤީޤަތުގައިވެސް ދިވެހިބަސްތޯއެވެ؟

ދިވެހި ރާއްޖޭގައި 20 އަތޮޅު އޮވެއެވެ. މީހުން ދިރިއުޅޭ އެތައް ސަތޭކަ ރަށެއް އެބައޮތެވެ. ލިބިފައިވާ މައުލޫމާތު ތެދު ކަމުގައި ވަނީ ނަމަ ދިވެހި ރާއްޖޭގައި އޮންނަނީ މައިގަނޑު 5 ބަހުރުވައެވެ. އަދި މިހާރު އިންޑިއާގެ ބަޔަކަށް ވެފައިވާ މަލިކު ބަސް ހިމަނާކަމުގައި ވަނީ ނަމަ އެ އަދަދު 6 އަރައެވެ. 16 އަހަރުގެ ތަޢުލީމީ ޙަޔާތެއް ފުރިހަމަކޮށްފައި ދާއިރު މިއިން ބަހުރުވައަކާ ބެހޭ މައުލޫމާތު އަޅުގަނޑުމެންނަށް މަދުރަސާތަކުން ލިބިގެން ނުދަނީ ކީއްވެގެންތޯއެވެ؟ ކުލާހުގައި "މާލޭ ބަސް" ނޫން ބަހަކުން ވާހަކަ ދެއްކުމުން މަނާވެފައި ވަނީ ކީއްވެތޯއެވެ؟ މިބަހުރުވަ ތައް ބޭނުން ކުރެވޭ އަތޮޅުތަކާއި، ބަހުރުވައިގެ ހަމަތައް އުނގަންނައި ނުދެވެނީ ކީއްވެތޯއެވެ؟ އަޅުގަނޑުމެންނަށް ހަމައެކަނި "މާލޭ ބަހުރުވަ" ދަސްކޮށްދެނީ ކީއްވެތޯއެވެ؟ އެހެން ބަހުރުވަތައް ނިކަމެތީ ހެއްޔެވެ؟ ނުވަތަ ހުތުރީތޯއެވެ؟ ނުވަތަ މި ބަހުރުވަ ތަކަކީ ދިވެހި ބަހުގެ ތެރޭގައި ހިމެނޭ ބަހުރުވަތަކަކަށް ނުވަނީތޯއެވެ؟ ނުހިމެނޭ ނަމަ އެއީ ކީއްވެތޯއެވެ؟

ދިވެހި މާއްދާ އިތުރަށް މުއްސަނދި ކުރުމަށް އޯލެވެލް އަދި އޭލެވެލް މުޤައްރިރުގައި އެއް ފިލާވަޅުގެ ގޮތުގައި ބަހުރުވަތައް ހިމެނުން ކިހިނެއް ހެއްޔެވެ؟ އިނގިރޭސި ބަހުގެ މިސާލެއް ބަލަމާ ހިނގާށެވެ. އިނގިރޭސި ބަހުގައިވެސް "ލޭންގުއޭޖް" އަދި "ލިޓެރޭޗަރ" ދެބަޔަކަށް ބަހާލާފައި އޮންނަ ގޮތަށް ދިވެހި ބަހުގައި ދާދި ފަހުން ވަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއީއައި) އިން ދެބަޔަކަށް ބަހައި، އަދަބިއްޔާތު ވަކި މާއްދާއަކަށް ހަދާފައެވެ. ނަމަވެސް މި މާއްދާ ދިވެހިރާއްޖޭގައި ބޭނުންކުރެވޭ އެހެނިހެން ބަހުރުވަތަކަށް އެއްވެސް ވަރަކަށް އަލިއަޅުވާލެވިފައިވާނެބާއެވެ؟

އެހެން ޤައުމުތަކުގައި ބަހާއި ބަހުގެ ބަހުރުވަތައް ތިބެއެވެ. އިންޑިއާ މިސާލަކަށް ނަގަނީނަމަ، އެ ޤައުމުގައި އެތައް ބައިވަރު ބަހުރުވަ ބޭނުން ކުރާއިރު މައިގަނޑު ގޮތެއްގައި ރަސްމީ ބަހެއްގެ ގޮތުގައި ބޭނުންކުރަނީ ހިންދީ ބަހެވެ. އަދި ގިނަ މަދުރަސާތަކުގައި ކިޔަވައިދެނީ ހިންދީ ބަހެވެ. ނަމަވެސް އެހެން ބަހުރުވަ ތަކާއި ބެހޭ މައުލޫމާތު ތައް މަދުރަސީ ދައުރުގައި ދަރިވަރުންނަށް އުނގަނައިދެއެވެ. އެކަކު އަނެކަކާ ވާހަކަ ދައްކާއިރު ބަހުރުވަތައް ބޭނުންކުރުން މަނާ ނުކުރެއެވެ. އެހެންކަމުން އެވާހަކައަށް އިތުރަށް ބަހުސް ކުރާކަށް ނެތީމެވެ.

ރަސްމީ ދިވެހި ބަސް ނިކަމެތިވެގެން ދިއުމުގެ ބިރު އޮތުމުގެ ސަބަބުން ދިވެހި ސަރުކާރުން ވަނީ ބަހުގެ ކޮމިޓީތަކާއި އެކެޑެމީއެއް އުފައްދާ ބަސް ރައްކާތެރިކުރުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް ދިވެހި ބަހުރުވަތަކަށް އަންނަ ނިކަމެތިކަމަށް އެންމެންވެސް ދެނީ ބީރު ކަންފަތަކާއި ކަނު ލޮލެކެވެ. މިސާލަކަށް ބަލާނަމަ، އައްޑޫ ބަހުރުވައިގައި ބޭނުންކުރެވޭ "ޱ" އަކީ އޮންނަ އަކުރެއްކަން ގިނަ އައްޑޫ މީހުންނަކަށް ނޭނގެއެވެ. ދިވެހި ބަހެކޭ އެއްފަދައިން މި ބަހުރު ވަތައް ވެސް ދަނީ އިނގިރޭސި ބަހާއި މަސްހުނިވެ، ނިކަމެތިވަމުންނެވެ. މިކަމާއި މެދު ފިކުރު ކުރާ ބަޔަކު އެބަތިބި ހެއްޔެވެ.

ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު ރާއްޖޭގައި އަތުން ގުނާލެވޭހާ މަދު ބަހުރުވަތައް ތިބި އިރު، މި ބަހުރުވަތަކަށް މިހާ ބޮޑަށް އިހުމާލުވުމަކީ މުޅި ދިވެހިބަހާއި، ދިވެހި ތަރިކައަށްވެސް ވެވޭ ވަރަށް ބޮޑު އިހުމާލެކެވެ. ތާރީޚުގެ ތެރެއަށް މި ބަހުރުވަތައް ނެތިގެން ދިޔުމުގެ ކުރިން މިބަހުރުވަ ތައް މުއްސަނދިކޮށް، އިއާދަކުރަން މަސައްކަތްފަށަން އެބަޖެހެއެވެ.