Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

ޓެކްސީ ކާރެއް ކޮންޓްރޯލު ނުވެ ގަމުގެ ފާރަކަށް އަރައި ބޮޑެތި ގެއްލުންތަކެއް

ޓެކްސީ ކާރެއް ކޮންޓްރޯލް ސ. ގަމުގެ ފާރަކަށް އަރައި އެކްސިޑެންޓު ވެއްޖެއެެވެ.

ރޭ ފަތިހު 5:45 ހާއިރު ހިނގި މިހާދިސާގައި އެކްސިޑެންޓުވި ކާރަކީ ހިތަދޫ ޓެކްސީ ސެންޓަރެއްގެ ކާރެކެވެ. ކާރު ދުއްވަން އިނީ އަލީ ނަސީރު ނަމަކަށް ކިޔާ ހިތަދޫ މީހެކެވެ.

އެކްސިޑެންޓުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިރު ފޮޓޯ ތަކުން ފެންނަ ގޮތުގައި ކާރުގެ ޑްރައިވަރު ހުރީ ނިދިފައެވެ. އޭނާގެ ހަށިގަނޑުގެ ބޭރުފުށުން ގެއްލުމެއް ލިބިފައި ނެތް ނަމަވެސް ކާރުގެ ކުރީ ކޮޅުވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

އައްޑޫލައިވް އާއި މައުލޫމާތު ހިއްސާ ކުރި ހިތަދޫ ޓެކްސީ ޑްރައިވަރަކު ބުނީ ކާރު ދުއްވަން އިން އަލީ ނަސީރު ބަލިވެގެން ރޭ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އޭނާ އެއާޕޯޓަށް ގޮސްފައިވަނީ ދަތުރެއް ނަގައި ބަޔަކު ފުރުވަން ކަމަށެވެ. އަދި އެނބުރި ހިތަދޫއަށް އައީވެސް ބަޔަކު މީހުން ގޮވައިގެން ކަމަށާއި، އެކްސިޑެންޓު ހިނގި އިރު ކާރުގައި އިތުރު އަންހެނަކު ހުރިކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ ތަފްސީލެއް ނުލިބެއެެވެ.