ފާއިތުވި ފަސް އަހަރު ސަރުކާރުން ކެޕިޓަލް ހަރަދުގެ ތެރެއިން 25 ބިލިއަން ރުފިޔާ ރާއްޖޭގެ ތަރައްޤީގެ އެކި ކަންކަމަށް ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް. މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ބަޖެޓާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ލަނޑުދަޑިތައް ހާސިލް ކުރުމަށް ރިކަރަންޓު ހަރަދުގެ ގޮތުގައި 79 ބިލިއަން ހަރަދުކޮށްފައިވާ ކަމަށާއި، ކެޕިޓަލް ހަރަދުގެ ގޮތުގައި 41 ބިލިއަން ހަރަދުކޮށްފައިވާ ކަމަށެވެ.
ކެޕިޓަލް ހަރަދުގެ ތެރެއިން 25 ބިލިއަން ރުފިޔާ ޕީއެސްއައިޕީ މަޝްރޫއުތަކަށް ހަރަދުކޮށްފައިވާއިރު މިއީރާއްޖޭގެ ތާރީޚުގައި ވެސް ރިޔާސީ ދައުރެއްގެ ތެރޭގައި ޢުމްރާނީ ތަރައްޤީއަށް މިވަރުގެ ބޮޑު ހޭދައެއް ކުރެވުނު ފުރަތަމަ ފަހަރު ކަމަށެވެ.
މުނައްވަރު ވިދާޅުވީ މިއުމްރާނީ ތަރައްޤީގެ މަންފާ ދިވެހިންނަށް މެދު ނުކެޑި ލިބެމުންދާނެކަމަށެވެ.
ރާއްޖޭގެ ރަސްމީ ރިޒާވްގައި މީގެ 5 އަހަރު ކުރިން 368 މިލިއަން ޑޮލަރު ގައި ހުރިއިރު، މިއަހަރުގެ ނިޔަލަށް 674 މިލިއަން ޑޮލަރުގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ފާއިތުވި 5 އަހަރުގެ ތެރޭގައި ރައްޔިތުންގެ ޚަޒާނާ މިވަނީ ގާތްގަނޑަކަށް ދެގުނަ ބޮޑު ކުރެވިފައިކަމަށް މުނައްވަރު ވިދާޅުވިއެވެ.