މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ ކަމުގައި ހުންނެވި އަބްދުއްރައްޒާގު ހަލީމު އެމަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހަލީމް އިސްތިއުފާއަށް ހުށަހަޅާފައިވާ ކަމަށާއި އެބޯޑުން އޭނާގެ އިސްތިއުފާ ގަބޫލްކޮށްފައިވާ ކަމަށެވެ.
ހަލީމު އިސްތިއުފާ ދެއްވުމާއި ގުޅިގެން އެމްޕީއެލް މިހާރު ހިންގުން ހަވާލުކޮށްފައިވަނީ އެސިސްޓެންޓް ސީއީއޯ ރާބިހް މުހައްމަދު ކަމަށް ނިޒާރު ވިދާޅުވި އެވެ.
ހަލީމު އެމްޕީއެލްގެ ސީއީއޯގެ މަގާމަށް އައްޔަން ކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި އޭރު ކުންފުނީގެ ސީއީއޯއަކަށް ހުންނެވި މުހައްމަދު ޖުނައިދު މަގާމުން ދުރުކުރުމަށްފަހުއެވެ.
ހަލީމު ވަނީ އެމްއާރްޑީސީގެ އެމްޑީކަން އަދާ ކުރައްވާފައެވެ.