Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރެއްގެ މަޤާމް ހުސްވާތީ އެމަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 183 ވަނަ މާއްދާއާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 16 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގެ ދަށުން ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރެއްގެ މަޤާމު ހުސްވާތީ، އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރުމަށްޓަކައި، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ބުދަ ދުވަހުން ފެށިގެން މިމަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 02:00 ގެ ނިޔަލަށް ހުޅުވާލައި، އެކަން ޢާންމުކޮށް އިޢުލާން ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވެއެވެ.

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވަނީ، ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން ނުވަތަ މެންބަރެއް ޢައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޢާންމުކޮށް އިޢުލާންކޮށް، އެކަމަށް އިޖާބަދޭ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމުގައެވެ. އަދި މި މާއްދާގެ (ނ) ގައި، މި މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މެންބަރުން ނުވަތަ މެންބަރެއް ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރަންވާނެކަމުގައެވެ.

ކޮމިޝަނުގެ މެންބަރުންގައި ހުރުން ލާޒިމުވާ ސިފަތަކުގެ ތެރޭގައި ދިވެހި ރައްޔިތަކު ކަމުގައިވުން، މުސްލިމަކު ކަމުގައިވުން، ބުއްދި ސަލާމަތުން ހުރުން، ޢުމުރުން 30 އަހަރުވެފައިވުން، އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން، އަދި ޖިނާއީ ކުށެއް ކުރިކަން، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން، އެއްވެސް އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން، އަދި މީގެ އިތުރުން ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ޙާޞިލުކުރުމަށްފަހު، ސަރުކާރު ނުވަތަ ސަރުކާރު ނޫން ފަރާތެއްގައި ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރު ޚިދުމަތްކޮށްފައިވުން ހިމެނެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށްއެދޭ ފޯމާއި އިޤުރާރު ދޫކުރުން، އަދި ފޯމާއި އިޤުރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވެއެވެ. އަދި މި ފޯމާއި އިޤުރާރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. އެ ވެބްސައިޓުގެ އެޑްރެހަކީ، www.majlis.gov.mv އެވެ.