Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ކޯލިޝަން ލީޑަރުންގެ ހާއްސަ ބައްދަލުވުމެއް މިއަދު

ފޮޓޯ: ގޫގުލް

އިދިކޮޅު ކޯލިޝަންގެ ހަތަރު ލީޑަރުންގެ ހާއްސަ ބައްދަލުވުމެއް މިއަދު ބާއްވަން ހަމަޖައްސައިފިއެވެ.

އެ ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ މިއަދު މެންދުރު ދޭއް ޖަހާއިރު ހޮޓެލް ޖެންގައި ކަމަށް މައުލޫމާތު ލިބެއެވެ.

އެ ބައްދަލުވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އަދާލަތުގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއީ ވޭތުވެ ދިޔަ ދުވަސްތަކުގައި ހަތަރު ލީޑަރުން އެއްތަނަކުން ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ.

ގުޅިފައިވާ އިއްތިހާދެއްގެ ގޮތުގައި މި ހަތަރު ޕާޓީން މަސައްކަތް ކުރަމުން ގޮސްފައިވީ ނަމަވެސް އެއް ތަނަކުން ބައްދަލުކުރުމުގެ ފުރުސަތު މީގެ ކުރިން ވަނީ އެކި ސަބަބުތަކާހެދި ނުލިބިފައެވެ. ސަބަބަކަށް ވެގެން ދިޔައީ ދާދި ފަހަކާ ޖެހެންދެން ރައީސް ނަޝީދާއި ގާސިމް ރާއްޖެއިން ބޭރަށް އަރުވާލެއްވިގެން ތިއްބެވުމެވެ. އަދި އެ ދުވަސްތަކުގައި ޝެއިހް އިމްރާން ގެންދެވީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މީގެ އިތުރުން ރައީސް މައުމޫން ވެސްވަނީ މިދިޔަ ފެބުރުއަރީ މަހުން ފެށިގެން ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައެވެ.

ހަތަރު ލީޑަރުން މިއަދު ބައްދަލު ކުރައްވާ އިރު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓު އެކުލަވާލުމާއި ބެހޭ ކަންތައްތަކާއި، ކުރިއަށް އޮތްތަނުގައި ކަންތައްތައް ކުރިއަށް ގެންދާނެ ގޮތާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް މައުލޫމާތު ލިބެއެވެ.