Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ޕީޕީއެމް ކޮންގްރެސް މައްސަލާގައި މިރޭ ގޮތެއް ނިންމަނީ

ޕީޕީއެމްގެ ކޮންގްރެސްގެ ތެރެއިން

ޕީޕީއެމް ކޮންގްރެސްގެ މައްސަލާގައި މިރޭ ގޮތެއް ނިންމުމަށް ހައި ކޯޓުން ތާވަލުކޮށްފިއެވެ.

އޮކްޓޫބަރު މަހު ބޭއްވި ޕީޕީއެމް ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން އެޕާޓީން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް މިރޭ 8:30 ގައި ބޭއްވުމަށް ހައި ކޯޓުން ވަނީ ތާވަލުކޮށްފައެވެ.

މިމައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުގައި ފެށީ މިމަހުގެ 5 ވަނަ ދުވަހުއެވެ. އަދި އަންގާރަ ދުވަހު ވެސް ވަނީ އަޑުއެހުމެއް ބާއްވާފައެވެ.

އަންގާރަ ދުވަހުގެ އަޑުއެހުމުގައި ފަނޑިޔާރުން ވަނީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް އިއުލާންކުރައްވާފައެވެ. އެހެންކަމުން މިރޭ ބާއްވާ ޝަރީއަތުގެ މަޖިލީހުގައި މިމައްސަލައިގެ ހުކުމް އިއްވާނެ ކަމަށް ބެލެވެއެވެ.

މިމައްސަލައިގެ ޝަރީއަތުގައި އިލެކްޝަންސް ކޮމިޝަނުގެ ވަކީލު ވިދާޅުވީ ޕީޕީއެމް ކޮންގްރެސްގައި އެހެން ޕާޓީތަކުގެ މެމްބަރުން ވެސް ބައިވެރިވި ކަމަށެވެ. އެގޮތުން އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި އެމްޑީއޭގެ މެމްބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މީހުން ވެސް ޕީޕީއެމް ކޮންގްރެސްގައި ބައިވެރިވި ކަމަށެވެ. މިފަދަ ގިނަ ކަންތައްތަކެއް ޕީޕީއެމް ކޮންގްރެސްގައި ހިނގާފައި ވުމުން ކޮންގްރެސް ބާއްވާފައިވަނީ ގާނޫނާ ޚިލާފަށްކަން އެގޭ ކަމަށް ވަކީލު ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން އިލެކްޝަންސް ކޮމިޝަނުގެ ވަކީލު ވަނީ ކޮންގްރެސް ބަލައިނުގަތުމަށް ނިންމި ނިންމުން ރަގަޅު ކަމަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފައެވެ.

މައްސަލައިގެ ޝަރީއަތުގައި ޕީޕީއެމްގެ ވަކީލު ވިދާޅުވީ ކޮންގްރެސް ބޭއްވީ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އިލެކްޝަންސް ކޮމިޝަނަށް އަންގަންޖެހޭ އެންގުންތައް ވެސް އެންގި ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ. ކޮންގްރެސް އޮބްޒާވް ކުރުމަށް ކޮމިޝަނުގެ ދެމަންދޫބަކު ވެސް ބައިވެރިވެފައިވާއިރު، ކޮންގްރެސްގެ އެއްވެސް ކަމަކާ މެދު އެބޭފުޅުން ވެސް އިންކާރުކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު ނިމުމާއިއެކު ޕީޕީއެމުން ކުއްލި ގޮތަކަށް ބޭއްވި ސިއްރު ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން އެމައްސަލަ ޕީޕީއެމުން ކޯޓަށް ހުށަހަޅައި ހުކުމަކާ ހަމައަށް އައިސްފައިވާއިރު، ކޮންގްރެސްގައި ވަނީ ޕާޓީގެ ރައީސްކަމުގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން އިންތިޚާބުކޮށް، ޕާޓީގެ ހަތަރު ނާއިބުރައީސުންނާއި އެހެން އިސް މަގާމުތަކަށްވެސް މީހުން އިންތިޚާބުކޮށްފައެވެ.

ޕީޕީއެމްގެ ކޮންގްރެސް އަށް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ.