Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

މަޖިލިސް އިންތިހާބަށް 123 މިލިއަން ބޭނުން، ބަޖެޓް ކުރީ 80 މިލިއަން

އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަހުމަދު އަކްރަމް

އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ މަޖިލީހުގެ އިންތިހާބަށް ބޭނުންވަނީ 123 މިލިއަން ރުފިޔާ ނަމަވެސް އާ ބަޖެޓްގައި ހިމަނާފައިވަނީ 80 މިލިއަން ރުފިޔާއެވެ.

މިގޮތުން 80 މިލިއަން ރުފިޔާ ދޭން ނިންމައިފި ނަމަ މަޖިލީހުގެ އިންތިހާބު ބާއްވަން ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ މަޖިލިސް އިންތިހާބަށް 80 މިލިއަން ރުފިޔާ ދޭން ހުށަހަޅާފައިވަނީ އެކަމަށް 123 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް އެދިފައިވަނިކޮށް ކަމަށެވެ. ބަޖެޓުން 40 މިލިއަނެއްހާ ރުފިޔާ އުނި ކޮށްފައިވަނީ އިލެކްޝަނަށް އެނގިގެން ނޫން ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ. އަދި އެގޮތަށް އުނިކުރީ ކީއްވެކަން ވެސް އަންގާފައި ނުވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ބަޖެޓު ކޮމިޓީން ދަތިވާ ކަމެއް ހުރިނަމަ އަންގަން ބުނެފައިވާ ކަމަށާއި އެހެންކަމުން އިލެކްޝަނުން ތަފުސީލުތައް ލިއުމުން ކޮމިޓީއަށް ފޮނުވާނެ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބު ބާއްވަނީ މާޗު މަހުއެވެ. އަންނަ އަހަރު މަޖިލިސް އިންތިހާބު ބާއްވާ އިރު މާލެސިޓީއަށް ދެ ދާއިރާ އިތުރު ކުރަން އިލެކްޝަނުން ވަނީ ނިންމާފައެވެ. އެހެންކަމުން މަޖިލީހުގެ މެންބަރުންގެ އަދަދު 87 އަށް އިތުރުވާނެއެވެ.