Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އާ ރަންވޭ ބޭނުންކުރެވޭނީ އަންނަ އަހަރު ސީޒަނަށް: އިންތިގާލީ ކޮމިޓީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ

ހުޅުލޭގެ އާ ރަންވޭ ބޭނުން ކުރަން ފެށޭނީ އަންނަ އަހަރުގެ ސީޒަނަށް ކަމަށް އިންތިހާބީ ރައީސް އެކުލަވާލައްވާފައިވާ އިންތިގާލީ ކޮމިޓީން ބުނެފިއެވެ.

ސްޓޭޓް އޯން އެންޓަޕްރައިސަސް އެނަލައިޒް ކުރުމަށް އުފެއްދި އިންތިގާލީ ކޮމިޓީގެ މުގައްރިރު އިލްޔާސް ލަބީބު ވިދާޅުވީ ރިޔާސީ އިންތިހާބު ތެރޭގައި ރައީސް އަބްދުﷲ ޔާމީން ހުޅުވައިދެއްވި ހުޅުލޭގައި އަލަށް ތަރައްގީ ކޮށްފައިވާ ރަންވޭ ބޭނުން ކުރަން ފެށެނީ ސީޕްލޭން ޓާމިނަލް ބަދަލު ކުރެވިގެން ކަމަށެވެ.

ސީ ޕްލޭން ޓާމިނަލް ބަދަލު ކުރުމަށް ޓާމިނަލްގެ ކޮންސްޓްރަކްޝަން މަސައްކަތް ދަނީ ކުރިއަށް ކަމަށާއި މައުލޫމާތު ލިބޭ ގޮތުގައި އަންނަ ޖޫން މަހު ޓާމިނަލްގެ މަސައްކަތް ނިމޭނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ. އެހެން ކަމުން އަންނަ އަހަރު ސީޒަނަށް އާ ރަންވޭ ބޭނުން ކުރަން ފެށޭނެ ކަމަށް ވެސް އިލިޔާސް ވިދާޅުވިއެވެ.

ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގައި 60 މީޓަރު ހުންނަ ޒަމާނީ ރަންވޭގައި 200 މިލިމީޓަރު ބޯމިނުގައި ފައުންޑޭޝަން އަޅާފައިވާއިރު އެ މަޝްރޫއަކީ 400 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތަށް 650،000 އަކަ މީޓަރުގެ ސަރަހައްދެއް ހިއްކާފައިވެއެވެ.

ރައީސް ޔާމީން އަބްދުލްޤައްޔޫމް އާ ރަންވޭ ހުޅުވައި ދެއްވީ ސެޕްޓެމްބަރު 18 ގައެވެ.