Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

"އިންޑިގޯ"ގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

އިންޑިއާގެ އިތުރު އެއާލައިނެއް ކަމުގައިވާ "އިންޑިގޯ" އެއާލައިންގެ ދަތުރުތައް މިއަދު ރާއްޖެއަށް ފަށައިފި އެވެ.

އިންޑިގޯގެ ފުރަތަމަ ފްލައިޓް އިންޑިއާގެ ކޮޗިން އިން ފުރައިގެން މިއަދު ހެނދުނު ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ބޮޑުބެރުގެ ސަގާފީ ހަރަކާތްތަކަކާއެކު ބޯޓުގެ ޕަސެންޖަރުންނަށް ވަނީ މަރުހަބާ ކިޔާފައެވެ.

ފަސިންޖަރުންނަށް މަރުހަބާ ކިޔާފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އިސްވެރިންނާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ އެެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ކޮންމެ ދުވަހަކުވެސް އިންޑިގޯގެ ދަތުރުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު ކޮޗިންގެ އިތުރުން މުމްބާއީއާއި ބެންގަލޫރާ ދެމެދުވެސް ދަތުރުތައް ކުރުމަށް ވަނީ ނިންމާފަ އެވެ.

އެމްއޭސީއެލް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރު މޫސާ ސޯލިހު ވިދާޅުވީ އިންޑިއާ އަކީ ދިވެހިންނާ ވަަރަށް ބޮޑަށް ގުޅިފައިވާ ގައުމަކަށް ވާތީ އިންޑިގޯގެ ދަތުރުތަކުގެ ސަބަބުން ދިވެހިންނަށް އިތުރު ފަސޭހަތަކެއް ލިބި އިގްތިސޯދަށް ވެސް ފައިދާ ކުރާނެ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއު ނިމުމުން ގިނަ އެއާލައިން ތަކަކަށް އެއް ފަހަރާ ހިދުމަތް ދެވި، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށް ވެސް މޫސާ ސޯލިހް ވިދާޅުވިއެވެ.

އިންޑިއާގެ އިންޑިގޯގެ ދަތުރުތައް މިއަދު ރާއްޖެއަށް ފަށާފައިވާއިރު އިންޑިއާގެ އެއާލައިނެއް ކަމަށްވާ "ގޯ އެއާ"ގެ ދަތުރުތައް މިދިޔަ މަހު ވަނީ ރާއްޖެއަށް ފަށާފަ އެވެ.

އިންޑިގޯ އިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރުމަށް ނިންމާފައިވަނީ 130 މީހުންގެ ޖާގަ ހުންނަ އެއާބަސް އޭ320 މަތިންދާބޯޓްތަކެެވެ.

މީގެ 12 އަހަރު ކުރިން އުފައްދާފައިވާ އިންޑިގޯ އެއާލައިނުން 195 ބޯޓު ބޭނުންކޮށްގެން ރާއްޖެ ހިމެނޭ ގޮތަށް 14 ގައުމަކަށް ދަތުރުކުރެ އެވެ.