Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

މަޖިލީހަށް ވަނުމުން އަމީތު ހައްޔަރު ކުރީ ގާނޫނާ ހިލާފަށް ކަމަށް ހުކުމްކޮށްފި

މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު

މިދިޔަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އިތުރު މެންބަރުންތަކަކާ އެކު ރައްޔިތުންގެ މަޖިލީހަށް ވަދެވަޑައިގެންނެވި މައްސަލާގައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމިތު ހައްޔަރުކޮށް ބަންދު ކުރީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

އަމީތު ހައްޔަރުކޮށް އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރަން ނެރުނު އަމުރު ހައި ކޯޓުން މިއަދު ވަނީ ބާތިލުކޮށްފައެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ދުރު ކުރަން އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލައާއި ގުޅިގެން ސިޔާސީ މަސްރަހު ހަލަބޮލިވެ ސިފައިން މަޖިލިސް ބަންދުކޮށްފައިވަނިކޮށް ޖުލައި މަހުގެ 24 ވަނަ ދުވަހު އިދިކޮޅު މެންބަރުން މަޖިލީހަށް ވަދެފައިވަނީ ގަދަކަމުންނެވެ.

އެ ދުވަހު އިދިކޮޅު މެންބަރުން މަޖިލީހަށް ވަނުމަށް ސިފައިންނާއި ފުލުހުން ވެސް ހުރަސް އެޅިއެވެ.

މަޖިލީހަށް ވަން މައްސަލާގައި އަމިތުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވެސް ހައްޔަރު ކުރިއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި މިފަދަ ގާނޫނާއި ހިލާފަށް ހިންގާފައި ހުރި އެތައް ކަމެއް މިހާރު ދަނީ މުރާޖައާކޮށް ގާނޫނާއި އެއްގޮތަށް އެ މައްސަލަތައް ރުޖޫއަ ކުރަމުންނެވެ.