Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

މީޑިއާ ކައުންސިލަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މީޑިއާ ކައުންސިލަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރުމަށް ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ މީޑިއާ ކައުންސިލްގެ މި ދައުރުގެ މެންބަރެއްގެ މުއްދަތު އޮގަސްޓު 27 ގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ. އަދި މި ދައުރުގެ 13 މެންބަރުންގެ މުއްދަތު މިއަހަރުގެ ޑިސެންބަރު 12 ގެ ނިޔަލަށް ހަމަވާތީ އެ ކައުންސިލަށް މެންބަރުން އައްޔަންކުރުމަށް ބޭނުންވާ ކަމަށެވެ. ޖުމްލަ 15 މެންބަރުން ތިބޭ އިރު އެއް މެންބަރެއްގެ ދައުރު ހަމަވާނީ ފެބްރުއަރީ މަހުއެވެ.

ހޯމް މިނިސްޓްރީން ބުނީ މީޑިއާ ކައުންސިލްގެ މަގާމުތަކަށް އެދޭ ފަރާތްތަކުން 21 ނޮވެމްބަރު ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ފޮޓޯ އާއި ވަނަވަރު، އައިޑެންޓިޓީ ކާޑުގެ ކޮޕީ އާއި، ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔުންތަކުގެ ކޮޕީ އާއި ކުށުގެ ރެކޯޑްގެ ކޮޕީއަކާ އެކު އެމިނިސްޓްރީ އަށް ސިޓީއަކުން ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި މީޑިއާގެ އަށް ގޮޑިއަށް ކެންޑިޑޭޓުން ހުށައަޅާނީ މީޑިއާތަކުން ކަމަށާއި، އެ ގޮތުން ކެންޑިޑޭޓުން ހުށައަޅާ ކޮންމެ މީޑިއާއަކުން ވެސް އެ މީޑިއާއަކުން ހުށައަޅާ ކެންޑިޑޭޓްގެ ވަނަވަރު އެނގޭ ގޮތަށް ހުށަހަޅަން ޖެހޭ ކަމަށް ވެސް ހޯމް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މީޑިއާ ކައުންސިލްގައި މީޑިއާގެ އަށް މެންބަރުންނާއި އާންމުންގެ ހަތް މެންބަރުން ހިމެނެއެވެ. އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ. ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ ދެ އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދައެއް ނުކުރެވޭނެއެވެ.

މީޑިއާ ކައުންސިލްގެ މެންބަރުންނަށް މަހަކު 5،000ރ. ގެ އެލަވަންސްއެއް ދެއެވެ. ގަވާއިދުގައިވާ ގޮތުން ކައުންސިލުން ބާއްވަން ޖެހެނީ މަހަކު މަދުވެގެން އެއް ބައްދަލުވުމެވެ. މިހާރު އޮތް މީޑިއާ ކައުންސިލުން ހަފުތާއަކު ޖަލްސާއެއް ބޭއްވި ނަމަވެސް އިތުރު އެއްވެސް އެލަވަންސެއް ނުލިބެއެވެ.

މީޑިއާ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމަށް ހުޅުވާލާފައިވާ އިރު މީޑިއާ ކައުންސިލް އުވާލައި ބްރޮޑްކާސްޓިން ކޮމިޝަންއާ އެއްކޮށްލައި މީޑިއާ ކޮމިޝަނެއް އުފެއްދުމަށް މީގެ ކުރިން މަޖިލީހަށް ވެސް ހުށަހެޅިއެވެ. ނަމަވެސް ދާދި ފަހުން މަޖިލީހުން ވަނީ އެ ބިލް ބޭރުކޮށްލާފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް އެއްކޮށްލައި އެއް ފުރާޅެއްގެ ދަށަށް މަސައްކަތްތައް ގެނައުމަށް މީޑިއާ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ގޮވާލަމުންދާތާ އަހަރުތަކެއް ވެއްޖެއެވެ.