Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އިބޫގެ ވެރިކަމުގެ ފުރަތަމަ ދުވަސް ހާއްސަ ކުރާނީ ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ވެރިކަމުގެ ފުރަތަމަ ދުވަހު އެންމެ ފުރަތަމަ އިސްކަމެއް ދެއްވާނީ ސިޔާސީ ގޮތުން ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށްކަމަށް އެމަނިކުފާންގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސްގެ އިބޫގެ ފަރާތުން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި މާރިޔާ ވިދާޅުވީ މިހާތަނަށްވެސް ގިނަ ސިޔާސީ ފަރާތްތައް ޝަރުތުތަކަކާއި އެކު ކޯޓުން ދޫކޮށްލާފައިވާ ކަމަށާއި، ނަމަވެސް އަދިވެސް ސިޔާސީ ބޭނުންތަކަށް ހައްޔަރުކޮށްފައިވާ ފަރާތްތައް މިނިވަން ނުކުރެވި ތިބި ކަމަށެވެ. އެހެންވެ އެންމެ ބޮޑު ހާއްސަ ކަމެއް ދެއްވާނީ އެފަދަ ފަރާތްތައް މިނިވަން ކުރުމަށް ކަމަށެވެ.

އިންތިހާބުގެ ދުވަސްވަރު އިބޫ ވަނީ ސިޔާސީ ހައްޔަރީން ދޫކޮށްލައްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. 23 ސެޕްޓެމްބަރ ވަނަ ދުވަހު ބޭއްވި އިންތިހާބު އިބޫ ކާމިޔާބު ކުރެއްވުމާއި ގުޅިގެން ގިނަ ސިޔާސީ ކުށްވެރިންގެ ހުކުމް ފަސްކޮށް ވަނީ މިނިވަންކޮށްފައެވެ.

އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އަދާލަތު ޕާޓީގެ ލީޑަރ ޝެއިހް އިމްރާންގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ ހުކުމް ފަސް ކުރުމަށް ސްޕުރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އެބޭފުޅުން ވަނީ މިނިވަން ވެފައެވެ.