Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

ފްލެޓު ލިޔުން ދޫކުރުން މާދަމާރޭ 12 ޖަހަންދެން ކުރިއަށްދާނެ: މުއިއްޒު

، ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: އަވަސް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ތެރެއިން އިމާރާތްކުރަމުންދާ ހިޔާ ފްލެޓު ލިޔުންތައް މާދަމާ ރޭ ދަންވަރު 12 ޖަހަންދެން ކުރިއަށް ގެންދާނެކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމުމަށް އެއް ދުވަހަށް ވެފައި ވަނިކޮށް މިއަދު މެންދުރު ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސް ކޮންފަރެންސްގައި މުއިއްޒު ވިދާޅުވީ މި ސަރުކާރު އޮންނާނީ މާދާމާ ރޭ ދަންވަރު 12 އާއި ހަމައަށް ކަމަށާއި އެވަގުތާއި ހަމައަށް ފްލެޓު ލިއުން ދޫކުރަމުންދާނެކަމަށެވެ. އެގޮތުން ފްލެޓު ލިބޭ މީހުންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް މިހާރުވެސް ފްލެޓު ލިއުން ހަވާލު ކުރަމުން އަންނަ ކަމަށެވެ.

ސިވިލް ސާވިސް މުވައްޒަފުންނާއި، ފުލުހުންނާއި ސިފައިންގެ ތެރެއިން ހިޔާ ފްލެޓު ލިބޭ މީހުންގެ ލިސްޓު މިހާރު އެ މުވައްސަސާތަކާއި ހިއްސާ ކުރަމުން އަންނަކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނިމުމަށްފަހު މި ފްލެޓުތައް ނުލިބިދާނެކަމުގެ ބިރުގައި ރައްޔިތުން ތިބި ކަމަށާއި އެސުވާލު މިނިސްޓްރީ އާއި ކުރިމަތިކުރަން އަންނަ ކަމަށެވެ. ނަމަވެސް މި މަސައްކަތަކީ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އެކު މި ސަރުކާރުން ކޮށްފައި އޮތް ބޮޑު މަސައްކަތެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންވެ ވެރިކަމާއި ހަވާލުވާ ސަރުކާރުން މިކަން ފުރިހަމަކޮށް ދެއްވާނެކަމަށް ގަބޫލް ކުރައްވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ތެރެއިން 18،000 އަށް ވުރެ ގިނަ މީހުންނަށް ފްލެޓު ލިބޭނެކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ.