Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

ހައްޖު ކޯޕަރޭޝަނަށް އެޑްވާންސަށް ދެއްކި 20 މިލިއަން ރުފިޔާ ނެތް!

ހައްޖަށްދާން އެޑްވާންސްކޮށް މީހުން ދެއްކި 20 މިލިއަން ރުފިޔާ ބޭނުންކޮށްފައިވާކަމަށް ޓްރާންސިޝަން ކޮމެޓީން ބުނެފިއެވެ.

ޓްރާންސިޝަން ކޮމެޓީން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އެކޮމެޓީގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ ހައްޖަށް ދިއުމަށް އެޑްވާންސް ކޮށް ދައްކާފައިވާ ފައިސާ އެކި ބޭނުންތަކަށް ނަގާފައިވާ ކަމަށާއި އެހެންވެ އެފަރާތްތަކަށް ހައްޖަށް ގެންދިއުމުގެ ކަންކަން އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރަން ޖެހިފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ކުރީގެ އެސްޓިއޯގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ އާއްމު ރައްޔިތުން ހައްޖަށް ގެންދިއުމުގެ ނަމުގައި ހަދާފައިވާ ކުންފުނިން ހިތާމަ ކުރަން ޖެހޭ މިންވަރަށް ކަރަޕްޝަން ހިންގާފައިވާ ކަމަށެވެ.

"މީހުން ހައްޖަށް ދާން ދައްކާފައި ހުރި ފައިސާގެ ތެރެއިން 20 މިލިއަން ރުފިޔާ ވަނީ ކުންފުނީގެ އެކިއެކި ކަންކަމަށް ބޭނުންކޮށްފައި. އެހެން ވާން ދިމާވީ ސިޔާސީ ނުފޫޒުތަކާ ހުރެ މީހުން ކްރިޑިޓަށް ހައްޖަށް ފޮނުވުމާ މިކަހަލަ ކަންކަން އައިސްގެން. މި ފައިސާއަކީ ގާތްގަނޑަކަށް 300 އެއްހާ މީހަކު ކުރިއަށް މި އޮތް ފަސް އަހަރު ތެރޭގައި ހައްޖަށް ދެވާހާ ފައިސާ. އެ ފައިސާ ދެން އެ ކުންފުންޏަށް ނުލައެއް ހަމަގައިމުވެސް އެއްބައި މީހުން ހައްޖަށް ނުފޮނުވޭނެ،"

އާޒިމް ވިދާޅުވީ އެކުންފުނި ދެން ކޮޅަށް ޖެހޭނީ ސަރުކާރުން އެހީވެގެން ކަމަށާއި، ދައުލަތުގެ ކުންފުނިތަކުން މުޅިންވެސް ފެންނަން އޮތީ ކަރަޕްޝަން ކަމަށެވެ.

ހައްޖު ކޯޕަރޭޝަނަކީ މީހުން ހައްޖަށް ގެންދިއުމަށް ރައީސް އަބްދުﷲ ޔާމީން އުފެއްދި ކުންފުންޏެކެވެ. މި ކުންފުނިންވެސް ކަރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް މީހުން ހައްޖަށް ގެންދާކަމުގެ ޝަކުވާ ރައްޔިތުން ދިޔައީ ކުރަމުންނެވެ.