Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

"މި ސަރުކާރުން ޤާނޫނާއި ޚިލާފަށް ކަންތައް ކުރެއްވިއިރު ހަނު ތިބި ފަރާތްތަކުން ކުއްލިއަކަށް ހޭލާތަން އެބަ ފެނޭ"

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުން ޤާނޫނާއި ޚިލާފަށް ކަންތައްތައް ކުރެއްވިއިރު، އެކަމާއި ދެކޮޅަށް އެއްވެސް އެއްޗެކޭ ވިދާޅުނުވެ ތިބި ބައެއް ފަރާތްތަކުން މިހާރު ކުއްލިއަކަށް "ހޭލާތަން" އެބަ ފެންނަ ކަމަށް މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުން ޤާނޫނީ އިމުން ބޭރުން އެތަކެއް ކަމެއް ހިންގިއިރު، އެކަން ދިފާޢުކޮށް ހަނު ތިއްބެވި ފަރާތްތަކުން ވެރިކަން ބަދަލުވުމުން ކުއްލިއަކަށް ހޭލާތަން އެބަ ފެންނަ ކަމަށެވެ.

"ބުރަ މަސައްކަތްކޮށް، މަގުމަތީގައި ޤުރުބާންވި އެކަތެއް ރައްޔިތުން މަތިން ހަނދާން ކުރަން ޖެހޭ! އެއީ ކޯލިޝަންގެ ވައުދު"، އެ ޓްވީޓްގައި ޑރ. ޖަމީލް ވިދާޅުވެފައި ވެއެވެ.

ޑރ. ޖަމީލްގެ އެ ވާހަކަފުޅުތައް އަމާޒުކުރައްވާފައި ވަނީ ސީދާ ކޮން ފަރާތްތަކަށް ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވިއިރު، މިހާރު ފެންނަމުންދާ މަންޒަރަކީ މީގެ ކުރިން އަނިޔާވެރިކަމަށް ހިތްވަރުދިން މަޖިލިސް މެމްބަރުންނާއި، ކުންފުނިތަކުގެ ވެރިން، ރައީސް ޔާމީން ރިޔާސީ އިންތިޚާބުން ނާކާމިޔާބުވެވަޑައިގަތް ހިސާބުން ފެށިގެން ކޮޅު ބަދަލު ކުރަމުންދާ މަންޒަރެވެ.