އާރަށުގައި ރައީސް އަބްދުﷲ ޔާމީން ހުންނެވުމަށް ސިފައިން ލައްވާ އިމާރާތެއް ބިނާކުރީ ސީއެސްއާރްގެ ދަށުން ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އާރަށުގައި އިމާރާތްތައް ހަދަނީ އެ އިރެއްގައި ހުންނަވާ ވެރިއަކު ބޭނުންކުރެއްވުމަށް ކަމަށާއި، ފާއިތުވި އަހަރުތަކުގައި އާރަށުގައި ހުރިހާ ކަމެއް ކޮށްފައިވާނީ ރައީސް އޮފީހާއި އެމްއެންޑީއެފް ގުޅިގެން ކަމަށެވެ.
އަދި އާރަށުގައި ރައީށް ޔާމީން ދިރިއުޅުއްވަން ބިނާކުރި އިމާރާތުގެ ޚަރަދު މިހާތަނަށް ކުރެވިފައި ވަނީ ސީއެސްއާރްގެ ދަށުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އާރަށުގައި ބިނާކޮށްފައިވާ "ގަނޑުވަރު"ގެ ފޮޓޯ އާންމުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް އެވެ. އާރަށުގެ ހުޅަނގު އުތުރު ފަރާތު ގޮނޑުދޮށް ކައިރީގައި ސިފައިން ލައްވާ މިއަހަރު ހަދާ ނިންމާފައިވާ ގަނޑުވަރު ޑިޒައިން ކޮށްފައިވަނީ ވަރަށް ހިތްގައިމު ގޮތަކަށެވެ.
އެ ފޮޓޯ އާންމުވުމާއެކު މީސްމީޑިއާގައި ރައީސް ޔާމީން އަށް އަމާޒުވި ފާޑުކިޔުންތަކަށް އެމަނިކުފާނު ތަރުޖަމާނު، އިބްރާހިމް މުއާޒު އަލީ ވަނީ ރައްދުދެއްވައިފަ އެވެ.
މުއާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އަދުގެ ޒުވާނުންނަށް ސިޔާސީ ވާހަކަ ކިޔައިދޭ އިރު މިއަށްވުރެ ޒިންމާވާން ނުވެތޯ ސުވާލު އުފައްދަވާފައެވެ. މުއާޒު ވަނީ ރައީސް ޔާމީން ވެރިކަމުން ދުރުވެވަޑައިގަންނަވާ އިރު އާރަށުގައި ހުރި "ގެކޮޅު" ނަގައިގެން ވަޑައިނުގަންނަވާނެ ކަމަށެވެ.
"މިއޮތް ބުރިޖު/އެއާޕޯޓު ތަކުން ކޮންމެ ބޭފުޅަކަށް ވެސް ދަތުރުފުޅު ނުކުރެއްވޭނެތޯ؟ 25 ބުރި އިމާރާތުން އެންމެނަށް ޚިދުމަތް ނުލިބޭނެތޯ؟ މިހުރިހާ ތަންތަން ގާއިމު ކޮށްދެއްވީ ރައީސް ޔާމީން އެކަނި ބޭނުންފުޅު ކުރައްވަންތޯ؟ އާރަށުގައި ރީތި ތަނެއް ހުރިނަމަ އެތަނެއް ވާނީ ސިފައިންގެ އިމާރާތަކަށް. ދެން އަންނަ ރައީސަކަށް ބޭނުންފުޅު ނުކުރެވޭނީތޯ؟ ރައީސް ޔާމީން ވަކިވެވަޑައިގަންނަވާނީ އެވިދާޅުވާ ގެކޮޅު ހިފައިގެނެއް ނޫން!"، މުއާޒު ވިދާޅުވި އެވެ.
އަންނަ ހޮނިހިރު ދުވަހަށް ރައީސް ޔާމީންގެ ރިޔާސީ ދައުރު ނިމޭއިރު، މާދަމާ ހިލާލީގެ ދޫކުރައްވައި އެމަނިކުފާނުގެ އަމިއްލަ ގެކޮޅު، ގ. ދޫވެހި އަށް ބަދަލުވެވަޑައިގަންނަވާނެ އެވެ.