Last Updated: June 20, 11:01
Saturday, June 20, 2026
ޚަބަރު

ޙައްޖަށް މީހުން ގެންދަން ފައިސާ އެބަހުރި: ޙައްޖު ކޯޕަރޭޝަން

ޑިސެމްބަރު މަހު ހައްޖު ކޯޕަރޭޝަންގެ ދަށުން އުމްރާ އަށް ދިޔަ އުމްރާވެރިން މައްކާގައި - ފޮޓޯ: ހައްޖު ކޯޕަރޭޝަން

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޚަރަދުގައި ޙައްޖަށް ދިއުމަށް ފައިސާ ދެއްކި ހުރިހާ ފަރާތްތައް ވެސް ޙައްޖަށް ގެންދެވޭނެ މިންވަރަށް ކުންފުނީގައި ފައިސާ އެބަހުރި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޙައްޖަށް ދާން އެޑްވާންސްކޮށް މީހުން ދެއްކި 20 މިލިއަން ރުފިޔާ ބޭނުންކޮށްފައިވާކަމަށް ޓްރާންސިޝަން ކޮމެޓީ އިން މިއަދު ބުނި ބުނުމާއި ގުޅިގެން ޙައްޖު ކޯޕަރޭޝަން އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޙައްޖަށް ދާން ދެއްކި ފައިސާ އެކޯޕަރޭޝަނުގެ އެކަމަށް ޚާއްސަކޮށްފައިވާ އެކައުންޓެއްގައި އެބަހުރި ކަމަށާއި، އެފައިސާ އިން ޙައްޖަށް މީހުން ފޮނުވުމަށް ހިނގާ ޚަރަދު ފިޔަވައި އެހެން އެއްވެސް ޚަރަދެއް ކުރަމުން ނުދާ ކަމަށެވެ.

އަދި ފާއިތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ހައްޖަށް ދިއުމަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުވި ނަމަވެސް، އެކުންފުނިން މީހުން ޙައްޖަށް ގެންގޮސްފައިވަނީ އެއް އަގެއްގައި ކަމަށާއި، ނަގަމުންދާ އަގު ތަކަކީ އެކަމަށް ހިނގާނެ ޚަރަދުތައް ދެކޮޅު ޖެއްސޭނެ އަގު ތަކަކަށް ނުވާތީ، އެކަން ސަރުކާރާ ހިއްސާ ކުރަމުން ދާކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

"މިކުންފުންޏަށް ހައްޖަށްދާން ދައްކަން ޖެހޭ ފައިސާގެ މުޅި އަދަދު ދައްކައިފައިވަނީ 1817 މީހުންނެވެ. އެ އެންމެން ހައްޖަށް ގެންދެވޭހާ ފައިސާ މި ކުންފުނީގައި އެބަހުއްޓެވެ،"، ބަޔާނުގައި ވެއެވެ.

އަދި އެކުންފުންޏަކީ ޤަވާއިދުން އޮޑިޓްކޮށް ބަލަމުންދާ ކުންފުންޏެއް ކަމަށާއި، ކޮރަޕްޝަނަށް މަގުފަހިވާނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ޙައްޖަށް ގެންދިޔަ މީހުންގެ ތެރެއިން ހަމައެކަނި ފައިސާ ނުލިބިވާ ފަރާތަކީ "މަލީޝާ" ޖަމާޢަތުގެ އެހީގައި ޙައްޖަށް ދާން ފައިސާ ދެއްކި މީހުންނަށް ޙައްޖަށް ނުދެވުމުގެ ސަބަބުން އެމީހުން ފޮނުވުމަށް ސަރުކާރުން އެދިގެން އެކުންފުނީގެ ޚަރަދުގައި ޙައްޖަށް ގެންދިޔަ ފަރާތްތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ އާއި، ސަރުކާރުގެ ދެކުންފުންޏަކުން ޙައްޖު ކޯޕަރޭޝަންގެ ޚަރަދުގައި ޙައްޖަށް ފޮނުވާފައިވާ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ޙައްޖު ކޯޕަރޭޝަނުން މިހެން ބުނެފައިވާއިރު، ޓްރާންސިޝަން ކޮމެޓީން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އެކޮމެޓީގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ ހައްޖަށް ދިއުމަށް އެޑްވާންސް ކޮށް ދައްކާފައިވާ ފައިސާ އެކި ބޭނުންތަކަށް ނަގާފައިވާ ކަމަށާއި އެހެންވެ އެފަރާތްތަކަށް ހައްޖަށް ގެންދިއުމުގެ ކަންކަން އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރަން ޖެހިފައިވާ ކަމަށެވެ.