Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ގާސިމްގެ އެޑްވައިޒަރުގެ މަޤާމުން ރިޔާޒު އިސްތިއުފާ ދެއްވައިފި

ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ މަޤާމަށް އިންތިހާބު ވުމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ އެޑްވައިޒަރުގެ މަޤާމުން ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އިސްތިއުފާ ދެއްވައިފިއެވެ.

ގާސިމްގެ އެޑްވައިޒަރުގެ މަޤާމަށް ރިޔާޒު އައްޔަން ކުރެއްވީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް އިންތިހާބު ވުމާއި ގުޅިގެން ޕީޖީ ލީޑަރުކަމުން ގާސިމް އިސްތިއުފާ ދެއްވީ މި ހަފްތާގެ ތެރޭގައެވެ. އެއާއިއެކު މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޖޭޕީގެ ޕީޖީ ބައްދަލުވުމުގެ އިންތިހާބުގައި ޕީޖީ ލީޑަރުގެ މަޤާމަށް ރިޔާޒުވަނީ އިންތިހާބު ކޮށްފައެވެ. ރިޔާޒު ޕީޖީ ލީޑަރުކަން ލިބިވަޑައިގެންނެވުމުން ގާސިމްގެ އެޑްވައިޒަރުގެ މަޤާމުން އިސްތިއުފާ ދެއްވީ ބުރާސްފަތި ދުވަހު އެވެ.

މިހާރު ގާސިމްގެ އެޑްވައިޒަރުގެ މަޤާމުގައި ތިއްބަވާނީ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ.