Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ހުވާ ކުރުމުގެ ރަަސްމިއްޔާތަށް ބްރިޖާއި މާލޭގެ ބައެއް މަގުތައް ބަންދުކުރަނީ

ނިމިގެންދިޔަ ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވި އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މާލޭގެ ބައެއް މަގުތަކާއި ސިނަމާލެ ބްރިޖު ވަކި ވަގުތުތަކުގައި ބަންދު ކުރަން ނިންމައިފި އެވެ.

ޓްރެފިކް ފުލުހުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހުވާ ކުރުމުގެ ރަސްމިއްޔާތަށް މިއަދާއި މާދަމާގެ މެންދުރު 14:00 އިން 19:00 އަށް ބައެއް މަގުތަށް އާންމު ޓްރެފިކަށް ބަންދުވާނެ ކަމަށެވެ. އެގޮތުން އެއް ނަންބަރު ޖެޓީ ސަރަހައްދާއި، ގަލޮޅު ދަނޑު ހިމެނޭ ސަރަހައްދު ރަސްމިއްޔާތަށް އެއްކޮށް އެ ގަޑި ތަކުގައި ބަންދުވާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އާޓިފިޝަލް ބީޗާ ހިސާބުން ސޯސަން މަގާއި ހަމަޔަށް މަޖީދީ މަގާއި، ބޮޑު ތަކުރުފާނު މަގުގެ ބޮޑު ބައެއް ވަކި ގަނޑިތަކެއްގައި ބަންދުކުރުމަށާއި، ގަލޮޅު ބޯޅަ ދަނޑު ސަރަހައްދުން މަޖީދީ މަގު އިރަށް ވަން ވޭ ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

އަދި މީގެ އިތުރުން ސިނަމާލެ ބްރިޖު ވެސް މިއަދާއި މާދަމާގެ ހަވީރު 16:00 އިން ރޭގަނޑު 20:00 އަށް އެކި ވަގުތުތަކުގައި ބަންދުކުރެވޭނެ ކަމަށްވެސް ޓްރެފިކް ފުލުހުން ބުނެއެވެ.

އިންތިޚާބީ ރައީސް އާއި ނައިބު ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރާއި ބައެއް އިސްވެރިން، ސްރީލަންކާގެ ކުރީގެ ރައީސް ޗަންދްރިކާ ބަންޑާރަނަޔަކަ ކުމަރަތުންގަގެ އިތުރުން ރާއްޖޭގެ ކުރީގެ ރައީސުންނާއި ނައިބު ރައީސުންނާއި އިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.