Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު ވެސް އިސްތިއުފާދެއްވައިފި

ރާއްޖެއިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، އަހްމަދު މުހައްމަދު - ފޮޓޯ: ވީނިއުސް

ދިވެހިރާއްޖެއިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، އަހްމަދު މުހައްމަދު މަޤާމުން އިސްތިއުފާދެއްވައިފި އެވެ.

އަހްމަދު ވަނީ މި ޚަބަރު އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓް މެދުވެރިކޮށް އިއުލާންކޮށްފަ އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އަހްމަދު ވިދާޅުވެފައި ވަނީ ފާއިތުވި 3 އަހަރާއި 9 މަސް ދުވަހު ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާ ސަފީރުގެ މަޤާމު އަދާކުރެއްވުމަކީ ލިބިވަޑައިގެންނެވި ފަޚުރެއް ކަމަށެވެ. އަދި ސަފީރުކަމުގެ ދައުރު ނިންމަވާ، ސަފީރުކަމުގެ މަޤާމުން ރަސްމީކޮށް މިއަދު އިސްތިއުފާދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ވަރަށް އަވަހަށް އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށްވެސް އަހްމަދު ވަނީ ވިދާޅުވެފަ އެވެ.

އަހްމަދު މުހައްމަދު އަކީ ޑީއާރްޕީގެ އިސް މަޤާމްތަކެއް ފުރުއްވުމުގެ އިތުރުން ކުރިން ވަޒީރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

އަހްމަދު މިއަދު ސަފީރުކަމުގެ މަޤާމުން އިސްތިއުފާދެއްވިއިރު، ރާއްޖެއިން މެލޭޝިއާ އަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު މުހައްމަދު ފަޔާޒް (އެފްއޭ) ވެސް ވަނީ އިސްތިއުފާދެއްވާފަ އެވެ. މި ދެ ބޭފުޅުންގެ އިތުރުން ވެސް ސަރުކާރުގެ އިސް މަޤާމްތައް ފުރުއްވަމުން ގެންދެވި ގިނަ ފަރާތްތަކުން ވަނީ މަޤާމުން އިސްތިއުފާދެއްވާފަ އެވެ.