Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ މާދަމާ މާލެ ވަޑައިގަންނަވަނީ

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ - ފޮޓޯ: ޑީއެންއޭ އިންޑިއާ

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ހުވާކުރެއްވުމަށް ބާއްވާ ޚާއްސަ ޙަފްލާގައި ބައިވެރިވެވަޑައިގަތުމަށް މާދަމާގެ ވަގުތެއްގައި މާލެ ވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ ވިދާޅުވެއްޖެ އެވެ.

މޯދީ މިހެން ވިދާޅުވެފައި ވަނީ މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި މޯދީ ވިދާޅުވެފައި ވަނީ އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ތާރީޚީ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތުމަށް މާދަމާ މާލެ ވަޑައިގަންނަވާނެ ކަމަށެވެ.

އަދި މޯދީ ވަނީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި އިބޫ ހޯއްދެވި ކާމިޔާބީ އަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާ، އެމަނިކުފާނަށް ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.

މޯދީ މާދަމާ ރާއްޖެ ވަޑައިގަންނަވާއިރު، އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގަތުމުގެ ތައްޔާރީތަކަށް އެޤައުމުގެ އެޑްވާންސް ޓީމެއް ވަނީ މި މަހުގެ ކުރީކޮޅު ރާއްޖެ އައިސްފައެވެ.

ހުވާކުރުމުގެ ރަސްމިއްޔާތުގައި މޯދީ ބައިވެރިވެވަޑައިގަންނަވާއިރު، މީގެ ކުރިން ވެސް މޯދީ ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖައްސަވާފައެވެ. އެހެންނަމަވެސް ރާއްޖެއާއި އިންޑިއާ އާއި ދެމެދު ޖެހުނު މައްސަލައެއްގެ ސަބަބުން އެ ދަތުރުފުޅު ވަނީ ކެންސަލް ކުރައްވާފައެވެ.

އިންޑިއާ އިން ބުނާ ގޮތުގައި ރާއްޖެއާއި އިންޑިއާ އޮންނަ ގުޅުން ހީނަރުވެފައި ވަނީ ރާއްޖެ އިންޑިއާ ފަސްޓް ޕޮލިސީއަށް އަމަލުކުރުން ހުއްޓަލުމާއި ގުޅިގެން ކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ފަސްޓް ޕޮލިސީއަށް އަމަލުކުރުން ރާއްޖެއިން ހުއްޓާލާފައި ނުވާ ކަމަށެވެ.