Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އިންޑިއާ އިން ދެކެން ބޭނުންވަނީ ޑިމޮކްރެޓިކް އަދި ސުލްޙަވެރި ރާއްޖެއެއް: މޯދީ

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ - ފޮޓޯ: އިންޑިއާ ޓީވީ ނިއުސް

ޑިމޮކްރާތީ، މާލީގޮތުން ތަނަވަސް އަދި ކާމިޔާބު ސުލްޙަވެރި ދިވެހިރާއްޖެއެއް ދެކެން އިންޑިއާއިން ވަރަށް ބޭނުންވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު، ނަރޭންދްރަ މޯދީ ވިދާޅުވެއްޖެ އެވެ.

އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް މާލެ ވަޑައިގެންނެވުމުގެ ކުރިން ފޭސްބުކް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވެފައި ވަނީ އިންޑިއާގެ ގާތް އަދި ރަހުމަތްތެރި އަވަށްޓެރިޔާ ކަމުގައިވާ ރާއްޖޭގެ ވެރިރަށް މާލޭ އަށް ވަޑައިގަންނަވާތީ ވަރަށް އުފާކުރައްވާ ކަމަށެވެ.

އަދި މި ފަހުން ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި އިބޫ ހޯއްދެވި ކާމިޔާބީ އަށް މޯދީ ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި ވޯޓުގެ ނަތީޖާއިން ރަމްޒުކޮށްދެނީ ޑިމޮކްރެސީ އާއި ޤާނޫނުގެ ވެރިކަން ހިނގާ ތަނަވަސް މުސްތަޤްބަލަކަށް ދިވެހި ރައްޔިތުން އެދިގެން ތިބި މިންވަރު ކަމަށްވެސް މޯދީ ވިދާޅުވި އެވެ.

މީގެ އިތުރުން މޯދީ ވިދާޅުވީ އިންޑިއާ އާއި ރާއްޖެއަކީ ވަރަށް ތާރީޚީ، ވަރުގަދަ ޕާޓްނާޝިޕެއް ހިއްސާކުރާ ދެ ޤައުމު ކަމަށާއި، ދެ ޤައުމުގެ ރައްޔިތުން ވެސް އެދެނީ އަމާންކަމާއި ކާމިޔާބު ކަމަށެވެ. އަދި އިންޑިއާ ސަރުކާރުގެ "ސަބްކާ ސާތު، ސަބްކާ ވިކާސް" (އެންމެން ގުޅިގެން، އެންމެންގެ ތަރައްޤީ) ސިޔާސަތުގައި އެޤައުމުގެ އަވަށްޓެރިންވެސް ހިމެނޭ ކަމަށާއި، ޑިމޮކްރެޓިކް، ކާމިޔާބު އަދި ސުލްޙަވެރި ދިވެހިރާއްޖެއެއް ދެކެން އިންޑިއާ އިން ވަރަށް ބޭނުންވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަދި ރާއްޖޭގެ އިންފްރާސްޓްރަކްޗަރ އާއި ސިއްޙީ ޚިދުމަތްތަކާއި ހިއުމަން ރިސޯސްގެ ދާއިރާއިން ރާއްޖެ ތަރައްޤީ ކުރުމުގައި އިންޑިއާ އިން ވަރަށް ގާތުން ރާއްޖޭގެ ސަރުކާރާއެކު މަސައްކަތްކުރަން ބޭނުންވާ ވާހަކަ އިބޫގެ އާ ސަރުކާރާއި ޙިއްސާކުރައްވާނެ ކަމަށްވެސް މޯދީ ވިދާޅުވި އެވެ.

އަދި މޯދީގެ މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމަށްވެސް މޯދީ ވިދާޅުވި އެވެ.

މޯދީ މާދަމާ ރާއްޖެ ވަޑައިގަންނަވާއިރު، އޭނާ ވަޑައިގަންނަވާނީ ސީދާ ކިހާއިރަކު ކަމެއް ހާމައެއް ނުކުރައްވައެވެ.