ފޮރިން މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށްބުނެ ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމް އާއި ދެކޮޅަށް ކޮށްފައިވާ ތުހުމަތުތައް މިނިސްޓަރު ދޮގުކުރައްވައިފި އެވެ.
އެ ތުހުމަތުތައް މިނިސްޓަރު އިންކާރުކުރައްވާފައި ވަނީ މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ.
https://twitter.com/MohamedAsim_mdv/status/1063478125705609216
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މާދަމާ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމާއި ގުޅިގެން، މިހާރު އޮތް ކެބިނެޓްގެ ދައުރު ނިމުމަކަށް އަންނާތީ މިނިސްޓަރ އާސިމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ވަޒީރުކަމުގެ ދައުރު ނިމިގެންދާއިރު، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ކެބިނެޓްގައި ޚިދުމަތްކުރެއްވުމުގެ ފުރުސަތު ދެއްވީތީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ފޮރިން މިނިސްޓްރީގެ ހުރިހާ ފަރާތްތަކަށް ޝުކުރުވެރިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ފަހަކަށް އައިސް އަޅުގަނޑާއި ދެކޮޅަށް ކޮށްފައިވާ ހުރިހާ ތުހުމަތުތަކަށް އަޅުގަނޑު އިންކާރުކުރަން"، މިނިސްޓަރުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ފޮރިން މިނިސްޓްރީ އަށް ވަރަށް އަލިގަދަ މުސްތަޤްބަލަކަށް އެދިލައްވާ ކަމަށާއި، އަލަށް އައްޔަންކުރެވޭ މިނިސްޓަރަށާއި އާ ސަރުކާރަށް ހެޔޮ އެދުންތައް އަރިސްކުރައްވާ ކަމަށްވެސް އާސިމް ވަނީ ވިދާޅުވެފަ އެވެ.
ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކަށް މިނިސްޓަރު އާސިމް އިންކާރުކުރައްވާފައިވާއިރު، ފޮރިން މިނިސްޓްރީގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ އަށް ޝަކުވާއެއް ހުށައެޅިފައިވާ ކަމަށާއި، އެ ކޮމިޓީއިން އެ މައްސަލަ ބަލަމުންދާ ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.