Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

މަހުލޫފް އަށް ޑިފެންޑަރ އޮފް ޑިމޮކްރެސީ އެވޯޑް ލިބިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފަށް ޑިފެންޑަރ އޮފް ޑިމޮކްރެސީ އެވޯޑް 2018 ލިބިވަޑައިގެންފި އެވެ.

ޑިމޮކްރަސީ އާއި ޑިމޮކްރަސީގެ އުސޫލުތަކުގެ ދިފާޢުގައި މަސައްކަތްކުރާ ފަރާތްތަކަށް ޕާލަމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން އިން ދޭ މި އެވޯޑް މަހުލޫފް އަށް އަރުވާފައި ވަނީ ޔުކްރެއިންގެ ކިއެވްގައި ބޭއްވި ޑިފެންޑަރ އޮފް ޑިމޮކްރެސީ އެވޯޑްސް ޙަފްލާގައެވެ.

އެވޯޑް ލިބިވަޑައިގަތުމަށްފަހު މަހުލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެ އެވޯޑް ހިއްސާކުރައްވަން ބޭނުންފުޅުވަނީ އަނބިކަނބަލުން ނަޒްރާ ނަސީމް އާއި ދަރިފުޅު އެލީ އާއި މައިންބަފައިންގެ އިތުރުން ޑިމޮކްރެސީއަށްޓަކައި ކުރާ އިހުތިޖާޖުގައި ފުރާނަ ގެއްލިގެންދިޔަ ދިވެހި ރައްޔިތުންނާއި ކަމަށެވެ.

މީގެ އިތުރުން ޖަލުގައި އެތައް ދުވަސްތަކެއް، ހަފްތާތަކެއް، މަސްތަކެއް އަދި އަހަރުތަކެއް ހޭދަކުރެއްވި ރައްޔިތުންނާއި ޑިމޮކްރެސީ އާއި އިންސާނީ ޙައްޤުތަކާއި ޤާނޫނުގެ ވެރިކަން ދިފާޢުކުރެއްވުމުގައި ހަނގުރާމަކުރެއްވި ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް މަހުލޫފް ވަނީ އެ އެވޯޑް ޚާއްސަކުރައްވާފައެވެ.

ރައީސް އަބްދުﷲ ޔާމީން އަށް 2013 ވަނަ އަހަރުގެ އިންތިޚާބުގައި ތާއީދުކުރައްވައި، ޕީޕީއެމްގައި ހުންނެވުމަށްފަހު ރައީސް ޔާމީންގެ ވެރިކަމުގެ ކުރީކޮޅު މަހުލޫފް ވަނީ އެމަނިކުފާނަށް ކުރެއްވި ތާއީދު އަނބުރާ ގެންގޮސްފައެވެ. އެއަށްފަހު މަހުލޫފް ގެންދެވީ ރައީސް ޔާމީން އާއި ޕީޕީއެމް އަށް ފާޑުވިދާޅުވަމުންނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޤާނޫނާއި ޚިލާފަށް ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް، ހައްޔަރުކުރި މީހުންގެ ތެރޭގައި ވެސް މަހުލޫފް ހިމެނިވަޑައިގަންނަވަ އެވެ. އޭނާގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އާއި އިތުރު ދެ ދައުވާއެއް އުފުލާފައެވެ. ނަމަވެސް ފަހުން އެ ދައުވާތައް ބާތިލްކޮށް، މަހުލޫފް ވަނީ މިނިވަންކޮށްފަ އެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ތާއީދުކުރެއްވި މަހުލޫފް ވަނީ މި މަހުގެ ތެރޭގައި އިބޫ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ގުޅިވަޑައިގެންފަ އެވެ.