Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

އެންމެ ފަހު ވަގުތުވެސް މުއިއްޒުގެ ފަރާތުން ޖެއްސުން ކުރުން!

މާލެއިން ބޯހިޔާވަހިކަމެއްގެ އިންތިޒާރުގައި ތިބި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމުގެ ވައުދުވެ ހުޅުމާލޭގައި ހަދަން ފެށި ފްލެޓުތައް ނިމޭނެ ތާރީހެއް ނޭގެއެވެ. ފްލެޓުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެތައް ހާސް ބަޔަކު ފްލެޓު ހޯދުމުގެ އެދުމުގައި ވަނީ ފޯމު ހުށަހަޅާފައެވެ.

23 ސެޕްޓެމްބަރ ގައި ބޭއްވި ރިޔާސީ އިންތިހާބުން ރައީސް ޔާމީން ބަލިވުމުން ދެން ފެނުނީ މުޅިން އެހެން މަންޒަރެކެވެ. ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު ފެއްޓެވީ ހިޔާ ފްލެޓު ލިބުނު ފަރާތްތަކުގެ ނަމުގައި އެކި މީހުންނަށް ފްލެޓު ލިބޭ ކަމުގެ ލިޔުން ބެހުމަށެވެ.

ފޯމު ހުށަހަޅަން އެތައް ހާސް ބަޔަކު ދިގު ކިއޫގައި ހޭލާ ތިބި އިރު އެތެރޭގެ އެހެން ސަރަހައްދެއްގައި ހިނގަމުން ދިޔައީ ފްލެޓު ވަކި ބަޔަކަށް ބަހާލުމަށް ކުރަމުން ދިޔަ މަސައްކަތްތަކެވެ. އެކަމުގެ ޝަކުވާ ބޮޑުވެ މައްސަލަ އޭސީސީއަށް ހުށަހަޅައި އެމަސައްކަތް ހުއްޓާލުމަށް އޭސީސީން އެންގިއެވެ.

ނަމަވެސް ހައުސިން މިނިސްޓްރީން ދޭން ބޭނުންވި ބަޔަކަށް ފްލެޓު ދޭން ނިންމައި ބާކީ ފްލެޓުތައް ވެސް ބަހާލީއެވެ. މުއިއްޒު ވިދާޅުވަނީ އެމަސައްކަތަކީ ތެދު ނިޔަތުގައި ކުރި އިހްލާސްތެރި މަސައްކަތެއް ކަމަށެވެ. ނަމަވެސް ފްލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށްދާ އުސޫލުން އެކަން ގަބޫލެއް ނުކުރެވެއެވެ.

ރައީސް ޔާމީންގެ ވެރިކަމަށް ރައްޔިތުން ނޫނެކޭ ބުނި ފަހުން ޓްރާންސިޝަން މުއްދަތުގައި އަވަސް އަރުވާލައިގެން ފްލެޓު ދޫކުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ. ހިހްލާސްތެރި ކަމާއި އެކު ދޫކުރާ ނަމަ އެކަމުގެ ފުރިހަމަ ލިޔެކިއުމާއި އެކު އާ ސަރުކާރަށް ފުރުސަތު ދޭންވީއެވެ. ފްލެޓު ދެނީ ދިވެހި ރައްޔިތުންނަށެވެ. ދައުލަތުގެ ފައިސާއަކީ ރައްޔިތުންގެ އެއްޗެކެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ ފަހު ދުވަހުވެސް އެތައް ބަޔަކު ހައުސިން މިނިސްޓްރީ ދޮށައް އެއްކޮށްގެން ޖަހާ ސަކަރާތަކީ ފުރައްސާރަ ކުރުން ނޫން ކޮން ކަމެއް ހެއްޔެވެ.

އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ރައީސް ކަމުގެ ހުވާ ކުރައްވާ އިރު މިހާރުވެސް ހައުސިން މިނިސްޓްރީން ފްލެޓު ލިއުން ދޫކުރަނީއެވެ. އެކަން ހުއްޓުމަށް އެންގި އެންގުން މުއިއްޒު ވަނީ ބޮލާލާ ޖަހާފައެވެ. އިބޫގެ ޓްރާސިޝަން ކޮމެޓީން މިދިޔަ ހަފްތާގައި ބުނެފައި ވަނީ ފްލެޓް ހަވާލު ކުރުމުގެ ކަންކަން ހައުސިން މިނިސްޓްރީން ކުރިއަށް ގެންގޮސްފައި ވަނީ އިންސާފުވެރިކޮށް ނޫން ކަމަށެވެ.

ޓްރާންސިޝަން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ފްލެޓަށް ފޯމު ހުށަހެޅި މީހުންނަށް މާކްސް ދިން ނަމަވެސް ފްލެޓް ހަވާލު ކުރަނީ މާކްސް ލިބޭ ގޮތަށް ބަލައިގެން ނޫން ކަމަށެވެ.

އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މީގެ ކުރިން ވިދާޅުވެފައި ވަނީ ފްލެޓް ދޫކުރުމުގައި ކަންކަން ކޮށްފައިވާ ގޮތް އާ ސަރުކާރުން ތަހުގީގު ކުރާނެ ކަމަށެވެ. އަދި ފްލެޓަށް އަދި ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާނެ ކަމަށް ވެސް މާރިޔާ ވިދާޅުވެފައިވެ އެވެ.

ފްލެޓު ކަންކަމުގައި ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު މިހާރު އަމަލު ކުރަމުންދާ އުސޫލު އާސަރުކާރު ހުވާ ކުރެއްވުމާއި އެކު ބަލަން ޖެހެއެވެ. ދިވެހި ރައްޔިތުންނަށް މުއިއްޒު މިހާރު ކުރަމުންދާ ފުރައްސާރަ އާއި ޖެއްސުން ތަހްގީގުކޮށް އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހެއެވެ. މިއީ ނިކަމެތި ރައްޔިތުންނަށް މުއިއްޒުދޭ ބޮޑު އަނިޔާއެކެވެ. ބޮޑު ބޭއިންސާފެކެވެ. މިކަންކަން ނުބަލައި މިނިޓެއްވެސް ދޫކޮށްގެން ނުވާނެއެވެ. މިފަދަ ދެވަނަ ޖަރީމާއަކަށް ދިވެހިން ފުރުސަތު ދީގެން ނުވާނެއެވެ.