Last Updated: March 29, 02:52
Thursday, March 28, 2024
ސިޔާސީ

ލީޑަރުން އެއް ފިކުރަކަށް ގެނައުމަށް އިސް ރޯލެއް ކުޅުނިން: ނާޒިމް

ގުޅިފައިވާ އިދިކޮޅު އިއްތިހާދުގައި ހިމެނޭ ހަތަރު ޕާޓީގެ ހަތަރު ލީޑަރުން އެއް ގަލަކަށް އަރުވައި، އެއް އަމާޒަކަށް ވާސިލު ކުރުވުމުގައި އެންމެ އިސް ރޯލެއް ކުޅުއްވީ އޭނާ ކަމަށް ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނާއެކު ގިނަ ދުވަސްތަކެއް ވަންދެން އެކުގައި މަސައްކަތް ކުރެއްވި، އަދި އެމަނިކުފާނުގެ އެންމެ ގާތް އެއް ބޭފުޅެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ހޭދަ ކުރެއްވި ނާޒިމް ވަނީ ޔާމީންގެ ދައުރުގައި ޖަލަށް ލެވި 25 އަހަރުގެ ޖަލު ހުކުމެއް އިއްވެވިފައެވެ.

ނަމަވެސް އޭނާ ވަނީ ބޭސް ފަރުވާއަކަށް ވަޑައިގެން، އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އެހެން ގިނަ ސިޔާސީ ލީޑަރުންނެކޭ އެއްފަދައިން ޖަލުން ފިއްލަވާފައެވެ. ވެރިކަން ބަދަލުވެ މިއަދު ނާޒިމް ރާއްޖެ ވަޑައިގެންފައިވާއިރު އޭނާ ވިދާޅުވީ ހަތަރު ފިކުރެއްގެ ހަތަރު ލީޑަރުންނާ ގުޅިގެން ރައީސް ޔާމީން ބަލިކުރެއްވުމުގެ ބިންގާ އަޅުއްވައިދިނީ އޭނާ ކަމަށެވެ.

ނާޒިމް އިތުރަށް ވިދާޅުވީ އިބޫއާއި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް، އެކުގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގައި އޭނާ ހާޒިރުވެ ހުންނެވި ކަމަށެވެ. އަދި އިބޫ އާއި ފާރިސް ބައްދަލުކުރުވީ ވެސް އޭނާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެއީ ސިންގަޕޫރަށް ބޭސް ފަރުވާއަށް ވަޑައިގެން ހުންނެވުމަށް ފަހު އޭނާ އިންތިޒާމް ކުރުވި ކަމެއް ކަމަށް ވިދާޅުވިއެވެ.

އަދި ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރި މީހުންގެ ތެރޭގައި އޭނާ ހިމެނޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. ރައީސް ޔާމީން އިންތިޚާބުން ބަލިވުމާއެކު ނާޒިމްގެ އަޑު ގަދަވެގެން ދިޔަތަން ފެނުނެވެ. ނާޒިމް ވަނީ ސުޕްރީމް ކޯޓުން ރައީސް ޔާމީންގެ ފަރާތުން ހުށައެޅި މައްސަލަ ބާތިލުކުރި ދުވަހު، އޭނާ ޖަލަށް ލުމުގައި އަމަލީ ގޮތުގައި ބައިވެރިވި އެންމެން މަގާމުން ދުރުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

ނާޒިމް ތުހުމަތުކުރެއްވީ އޭނާ ޖަލަށް ލުމުގައި އިސްކޮށް ތިއްބެވީ ރައީސް އަބްދުﷲ ޔާމީނާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދެވެ. އެއްވެސް ބޭފުޅަކު މިހާރު އެބޭފުޅުން ތިއްބެވި މަގާމުގައި ނެތް ކަމަށް އެނާ ވިދާޅުވިއެވެ.