Last Updated: June 9, 09:23
Tuesday, June 9, 2026
ޚަބަރު

އިންޑިޔާއާ ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވުމަށް ފުރުސަތު ހުޅުވާލެވިއްޖެ: މޯދީ

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ - ފޮޓޯ: ޑީއެންއޭ އިންޑިއާ

ދިވެހި ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް ޒަމާންވީ، ގާތް ގުޅުން އިތުރަށް ބަދަހިވުމަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ދިވެހި ރާއްޖޭގެ އާ ރައީސުލްޖުމުހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރާއްޖެ ވަޑައިގަތުމުގެ ކުރިން މޯދީގެ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ދެ ގައުމުގެ ގުޅުމަކީ އެތައް އަހަރަކަށް ދެމިގެން ގޮސްފައިވާ ގުޅުމެއް ކަމަށެވެ.

އަދި އެމަނިކުފާނުގެ މިދަތުރުގެ ސަބަބުން އެ ގުޅުމަށް އާބަދަހި ކަމެއް އަންނާނެ ކަމަށާއި، އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް އިންޑިޔާއިން ދެވެން އޮތް އެހީއެއް ދެއްވުމަށް އެގައުމު އޮތީ ތައްޔާރަށް ކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.

ބޮޑުވަޒީރުކަމާއި މޯދީ ހަވާލުވި ފަހުން ދިވެހި ރާއްޖެއަށް އަދި ވަޑައިގަނެފައެއް ނުވެއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއާ އިންޑިޔާއާ ދެމެދު އޮތް ގުޅުމަށް ހީނަރުކަން ލިބުމަކީ އޭގެ ސަބަބެއް ކަމަށް ބެލެވެއެވެ. ދެކުނު އޭޝިޔާއިން މޯދީ ވަޑައިނުގަނެ އޮތް ހަމައެކަނި ގައުމަކީ ވެސް ދިވެހި ރާއްޖެއެވެ.