Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

މޯދީ ރާއްޖެ ވަޑައިގެންނެވުމަށް ފުރާވަޑައިގަންނަވައިފި

މޯދީ ރާއްޖެ ވަޑައިގެންނެވުމަށް ފުރާވަޑައިގެންނެފިކަން ހާމަކޮށް އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހުން އާއްމުކުރި ފޮޓޯ --

އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ޞާލިޙާއި އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމު ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި މާލެ ވަޑައިގެންނެވުމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދަތުރުފުޅު ފައްޓަވައިފި އެވެ.

މޯދީ ރާއްޖެއަށް މި ކުރައްވާ ދަތުރުފުޅުގައި ދިއްލީ އެއާޕޯޓުން ފުރާވަޑައިގެންނެވީ މީގެ ކުޑައިރުކޮޅެއް ކުރިން އިންޑިއާގެ ބޮޑުވަޒީރަށް ޚާއްސަކުރެވިފައިވާ ފްލައިޓުގައެވެ. މޯދީ ދަތުރުކުރައްވާ ފުލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނީ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޤައުމެއްގެ ވެރިއެއްގެ ހައިސިއްޔަތުން ވަޑައިގަންނަވާ ބޭފުޅަކީ މޯދީއެވެ. މިއީ މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މީގެ ކުރިން މޯދީ 2015 ވަނަ އަހަރުވެސް ރާއްޖެވަޑައިގެންނެވުމަށް ނިންމެވުމަށްފަހު އެދަތުރުފުޅު ވަނީ ފަހުން ކެންސަލްކުރައްވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެވަޑައިގަންނަވާތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މާލޭގައި މޯދީ ދަތުރުކުރެއްވުމަށް ހަމަޖެހިފައިވާ މަގުތަކާއި، ރަސްމީބޯޅަ ދަނޑު ހިމެނޭ ސަރަހައްދުގައި ވަނީ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަކޮށްފައެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގަންނަވާނެ ކަން އިންޑިއާ ސަރުކާރުން ރަސްމީކޮށް ހާމަކުރީ މިނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުގައެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތަށްފަހު ހަމަ މިއަދު މޯދީ އެނބުރި އިންޑިއާއަށް ވަޑައިގަންނަވާނެއެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އިންތިހާބީ ނައިބް ރައީސް ފައިސަލް ނަސީމް ހުވާ ކުރައްވާ ރަސްމިއްޔާތަށް 46 ގައުމެއްގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.