މާދަމާ (18 ނޮވެމްބަރ 2018) އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަން ނިންމައިފި އެވެ.
"ރާއްޖެއެމްވީ" އިން ރިޕޯޓްކުރާ ގޮތުގައި އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާކުރެއްވުމާއި ގުޅިގެން، އާދިއްތަ އަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަން ނިންމާނެ އެވެ.
އިބޫ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމުގެ އުފަލުގައި މާދަމާ މާލޭގައި ކުޅިވަރު ފެސްޓިވަލެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާދަމާ އާއި އަންގާރަ ދުވަހު "ދުޅަހެޔޮ ހަށިހެޔޮ އީދު"ގެ ނަމުގައި ކުރިއަށްގެންދާ މި ފެސްޓިވަލްގައި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށްވެސް ބައިވެރިވެވޭނެ އެވެ.
ސްޕޯޓްސް ފެސްޓިވަލް އިންތިޒާމްކުރާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ފެސްޓިވަލްގެ ޙަރަކާތްތަކުގައި ރާއްޖޭގެ ކުރީގެ ރައީސުންނާއި، އިންތިޚާބީ ރައީސް އިބޫގެ އިތުރުން އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މި ސްޕޯޓްސް ފެސްޓިވަލްގައި މޫދާއި އެއްގަމުގައި ކުޅިވަރުތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ކުޅިވަރުތަކުގައި 17 އެސޯސިއޭޝަނެއްގެ އިތުރުން 15 އެންޖިއޯއަކުން ބައިވެރިވާނެ އެވެ.