Last Updated: April 24, 12:21
Wednesday, April 24, 2024
ކުޅިވަރު

ފަހު ވަގުތު ސަލާހް ކާމިޔާބުކުރި ލަނޑުން މިސްރު މޮޅުވެއްޖެ

ޓިއުނީޝިޔާ ކޮޅަށް މިސްރު މޮޅުވި ލަނޑު އެޓީމުގެ މުހައްމަދު ސަލާހް (މ) ފޮނުވާލަނީ. --ފޮޓޯ: ޔާހޫ ސްޕޯޓްސް

އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި ރޭ ކުޅުނު މެޗުގެ ފަހު ވަގުތު މުހައްމަދު ސަލާހް ކާމިޔާބުކުރި ލަނޑުން 3-2 އިން ޓިއުނީޝިޔާގެ މައްޗަށް މިސްރުން ކުރިހޯދައިފިއެވެ.

މިމެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ޓިއުނީޝިޔާގެ ނައިމް ސްލިޓީ އެޓީމަށް ލީޑްނަގައިދީފައިވަނިކޮށް ޓްރެޒެގޭ އާއި ބަހަރް އެލް މޮހައްމަދީ ކާމިޔާބުކުރި ލަނޑުތަކުން މިސްރުން ފުރަތަމަ ފަހަރަށް ލީޑްނެގިއެވެ.

އޭގެފަހުން، ޓިއުނީޝިޔާގެ ނައިމް ކާމިޔާބުކުރި ގޯލާއެކު މެޗު އެއްވަރުވެގެން ނިމެންދަނިކޮށް މިސްރު މޮޅުކޮށްދިނީ އެންމެ ފަހު މިނެޓުގައި ލިވަޕޫލަށް ކުޅޭ ސަލާހް ކާމިޔާބުކުރި ގޯލުންނެވެ. މިއީ ގައުމީ ޓީމަށް ސަލާހް ޖަހައިދިން 39 ވަނަ ގޯލެވެ. އޭނާ ވަނީ ގައުމީޓީމަށް އެންމެ ފަހުން ކުޅުނު 8 މެޗުގައިވެސް ލަނޑުޖަހައިފައެވެ.

މިމެޗުން ބަލިވިނަމަވެސް، ޓިއުނީޝިޔާ ވެސް ވަނީ މިސްރާއެކު އެފްރިކާ ކަޕް އޮފް ނޭޝަންސް އަށް ކޮލިފައިވެފައެވެ.

ކުރިން ޖަނަވަރީ އަދި ފެބުރުއަރީ މަހުގައި ބާއްވަމުން އަންނަ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 15 އިން ޖުލައި މަހުގެ 13 ގެ ނިޔަލަށް ކެމަރޫންގައެވެ.